އެރެއަށްފަހު- ވިހިވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ޝައި ކިޔައިދޭން މިއުޅެނީ ޝައިގެ ލައިފްގަ އައި އެންމެ އަނދިރި ދުވަސްތަކުގެ ވާހަކަ" މިހެން ބުނުމަށްފަހު ޝައިލާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. އެވަގުތު އެމީހުން އޯޑަރުކުރި ތަ...

22 Oct 2019 | 05:49

ކުރީގެ އަދަދާ ގުޅޭ...

"ޝައި ކިޔައިދޭން މިއުޅެނީ ޝައިގެ ލައިފްގަ އައި އެންމެ އަނދިރި ދުވަސްތަކުގެ ވާހަކަ" މިހެން ބުނުމަށްފަހު ޝައިލާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ.

އެވަގުތު އެމީހުން އޯޑަރުކުރި ތަކެތި ހިފައިގެން ވެއިޓަރު އައުމުން ޝައިލާގެ ވާހަކަ މެދުކަނޑައިލިއެވެ. ވެއިޓަރު ދިއުމުން ވެސް ޝައިލާ އެއްޗެއް ބުނަން ނޫޅުމުން ނަޒާން އޭނާ އަށް ގޮވައިލިއެވެ.

"ޒާން ޝައިއާ ދޭތެރޭ ދެކެނީ ކޮންގޮތަކަށް؟" ޝައިލާގެ ވާހަކަ ނުފަށައި ފުރަތަމަ ކޮށްލީ ސުވާލެކެވެ. ނަޒާންގެ ލޮލުން ޝައިލާ އަށް ސިފަވެގެން ދިޔައީ ލޯތްބެވެ. އަވަހަށް ދުރު ބަލައިލީ އެދެލޮލަށް ނުބަލަން ވެގެންނެވެ.

"ޝައި ހިތްހަމަނުޖެހިދާނެ" ނަޒާން ބުނެލިއެވެ. ނަޒާންގެ މޫނަށް ބަލައިލުމަށްފަހު ޝައިލާ ބޯ ހޫރައިލިއެވެ. ނަޒާން ދުލުން ތުންފަތް ތެންމައިލިއެވެ.

"އަހަންނަށް ހީވަނީ ޝައިއާ އެކީގަ އަހަރެން ދިރިއުޅުމެއް ފަށަން ބޭނުންވާހެން" ނަޒާންގެ ޖުމްލަ ތިލަ ނަމަވެސް މާނަ ވަރަށް ފުނެވެ. އެޖަވާބުން ޝައިލާ އަޖައިބު ނުވިނަމަވެސް ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. އެއަޑު ނަޒާނަށް އިވިދާނެތީ އޭނާ އިނީ ވަރަށް ބިރުންނެވެ. ހަމަޖެހޭގޮތް ދައްކަމުން ނަޒާންގެ މޫނަށް ބަލައިލިއެވެ.

"ލައިފްގެ ވަކި ހިސާބަކުން ހިތަށް އެރި ދުވަހަކުވެސް މިހަޔާތަށް ފިރިހެނަކު ނުގެންނާނަމޭ... ފިރިހެނުންނަކީ އަންހެނުންނަށް ހުރި ބޮޑު ބިރެކޭ... އައި ކޮންވިންސްޑް މައި ހާޓް... އެކަމަކު މިރޭ... މިރޭ އެވީގޮތުން ހިތަށް ވިސްނައިދީފިން ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއޭ... މަންމަ ނަގާފަ އެންމެ ލޯބިވަނީ ވެސް ދެފިރިހެނުން ދެކެ... އެއީ ދޮންބެ އާ ބައްޕަ... އެ ލިސްޓަށް ނަޒާން ވެސް އަރައިފިހެން ހީވަނީ" ޝައިލާގެ ހިތް ނަޒާންގެ ކުރިމަތީގައި މަޑުމަޑުން ހުޅުވަމުން ދިޔައެވެ.

ޝައިލާ ފުރަތަމަ ފަހަރަށް އެހާ ބައިވަރު ވާހަކަ ދައްކަމުން ދާތީ ނަޒާން އިނީ ހައިރާންވެފައެވެ. ޝައިލާގެ ކޮންމެ ޖުމްލައަކާއި އެކީ އަތުގެ ލޯލިތައް ކޮޅަށް ޖެހެމުން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެވުނީ ވާހަކަދައްކަމުން ދިޔައިރު ތުންފަތް ނަށަމުން ދިޔަ ލޯބިވެތި ގޮތް ފެނިފައެވެ. އެ މިއުޒިކީ އަޑުން ވާހަކަ ދައްކަމުންދިޔައިރު ހީވީ ކަންފަތް ދޮށުގައި ލަވައެއް ކިޔަމުން ދިޔަ ހެންނެވެ.

"މީގެ ފަސް އަހަރު ކުރިން..." ޝައިލާގެ އަޑު ބެދުނެވެ. ޝައިލާގެ އެ ޖުމްލައިން ނަޒާންގެ ހިތްވެސް ތެޅެލިއެވެ. ޝައިލާ ކިޔައިދޭން މިއުޅެނީ ކޮންވާހަކައެއް ހެއްޔެވެ؟ ފަސް އަހަރުކުރީގެ ކޮން ހާދިސާއެއް ހެއްޔެވެ؟ އޭނާ އެންމެ ފުރަތަމަ ދުވަހު ކުރި ޝައްކު އަނެއްކާ ހަގީގަތަކަށް ވާން އުޅެނީ ހެއްޔެވެ؟

"ފަސް އަހަ...ރު ކުރިން ކިހި... ކިހިނެއް" ނަޒާނަށް ވާހަދެއްކޭ ގޮތެއް ނުވިއެވެ. އޭނާގެ ނަޒަރު ވަނީ ޝައިލާގެ އަތުގައި އަޅާފައި އޮތް ކެވެލިކޮޅަށް ހުއްޓިފައެވެ. ޝައިލާ އިނީ އަނެއް އަތުން އެކެވިކޮޅުގައި އަތް ހާކާށެވެ.

"އައި ލޮސްޓް މައި ޕޭރެންޓްސް... ޝައިގެ ލޯ ކުރިމަތީގަ" ޝައިލާގެ ލޮލުން ކަރުނަ ހިލުނެވެ. އެޖުމްލައިން ނަޒާންގެ ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް ޝައިލާގެ ލޯ ފެނުމުން ހިތުގައި ރިއްސައިލިއެވެ.

"ޝައިގެ އަމިއްލަ ދެދޮލުން ދެކުނިން މަންމައާ ބައްޕަ ލެއިން ފޯވެފަ އޮށްވަ... މުޅި ތަނުގަ ލޭ... އެމީހުންނާ އެއް ކާރެއްގަ އިނދެފަ ޝައި ދިޔައީ ފެންފުޅިއެއް ގަންނަން... ނިކުތްއިރު.... ދިޔައިރަކު ނޭންގެ އެއީ އެމީހުންނާ އެކީގަވާނެ އެންމެ ފަހު ވަގުތު ކަމެއް" ޝައިލާ އަށް ރޮވިއްޖެ އެވެ.

ޖެހިލުންވެ އިނދެ ޝައިލާގެ އަތުގައި ނަޒާން ހިފައިލިއެވެ. ނަޒާންގެ އެއަމަލުން ޝައިލާ އަށް އިތުރު ހިތްވަރެއް ލިބުނުހެން ހީވިއެވެ.

"އެއީ މެލޭގަ... އޭގެ ފަހުން ޝައިއަށް ހީވަނީ މުޅި ދުނިޔެ ހުއްޓިފަ ހުންނަހެން... މީހުން ޝައިއާ ވާހަކަ ދައްކާއިރު ހީވަނީ ކަންފަތްބުޑުގަ ހޮނު ގުގުރިއެއް ޖަހަމުންދާހެން... މީހަކު އަތްލިއަސް އެއްވެސް އިހުސާސެއް ނުކުރެވޭ... ކާހިތެއް ނުވޭ.. ނިދާހިތެއް ނުވޭ... އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ..." ޝައިލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އެތަނުގައި މިއުޒިކް ކުޅެން ފަށައިފިއެވެ. އެއާއިއެކު ތަނުގެ އަޑު ގަދަވެގެން ދިޔައެވެ.

ވާހަކަ މެދުކަނޑައިލުމަށްފަހު ދެމީހުންވެސް ފުރަތަމަ ގެނައި ތަކެތި ހުސްކުރިއެވެ. އަދި އަވަހަށް އެތަނުން ނިކުމެގެން ދިޔައީ ހިމޭން މާހައުލަކަށް ދިއުމަށެވެ. ނަޒާން ގޮސް މަޑުކޮށްލީ އާޓިފިޝަލް ބީޗު ކައިރީ އެވެ. ދެމީހުން ގޮސް ބެންޗެއްގައި އިށީންދެ ހަމަޖެހިލިއެވެ. ޝައިލާގެ މޫނަށް ބަލައިލުމަށްފަހު ނަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޮރެންޖު ބޮކީގެ އަލިން ޝައިލާގެ މޫނު ފެންނަނީ ނިކަން ހިތްގައިމު ގޮތަކަށެވެ.

"ޝައި އޯކޭތަ؟" އެންމެ ފުރަތަމަ ވެސް ނަޒާން އަހައިލީ އެހެންނެވެ. ޝައިލާ ވަގުތުން ބޯ ޖަހައިލިއެވެ.

"އޭގެ ފަހުން ގޭ މީހުން ޝައި އެތައް ބައިވަރު ނަފްސާނީ ޑޮކްޓަރުންނަށް ދެއްކި... ޝައި އަށް އިނގޭ އެމީހުން ޝައި ރަގަޅުވޭތޯ ކުރި ހުރިހާ ކަމެއް ވެސް... އައި މީން ޝައި އެހެން އުޅުނު ނަމަވެސް ވާ ހުރިހާ ކަމެއް އިނގޭ... ދައްކާ ހުރިހާ ވާހަކައެއް ވެސް އިވޭ... އެކަމަކު ޝައި ހަމަ ވާހަކަ ދައްކާ ހިތެއްވެސް ނުވޭ..." ވާހަކަ ހުއްޓައިލުމަށްފަހު ޝައިލާ ދުރު ބަލައިލިއެވެ.

"ނަޒާން ފޫހިވެފަތަ؟" ނަޒާންގެ ވަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑަށް ބަލަން އިނދެ ޝައިލާ އަހައިލިއެވެ.

"މިއަށްވުރެ ޝައުގުވެރިކަމާއެކު ދުވަހަކުވެސް ވާހަކައެއް އަޑެއް ނާހަން..." ނަޒާން ބުނެލިއެވެ.

"ޝައިގެ މިވާހަކަތައް ސުމާއަށް ވެސް ނުކިޔައިދެން" ޝައިލާ ބުނެލިއެވެ. ނަޒާންގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އަކީ ހަމަ އެހާ ހާއްސަ މީހެއް ހެއްޔެވެ؟

"ޝައި ޖެހުން ބައިވަރު ބޭސް ކާން... ފުރަތަމަ ވަރަށް ބޮޑަށް ފަލަވީ... ދެން ދުވަސްކޮޅެއް ފަހުން ވަރަށް ބޮޑަށް ހިކުނީ... އޭރު ހިކުންގޮތަށް މިހުރީ... ޝައިގެ ހުރިހާ ކަމެއް ޗޭންޖްވީ... އެހުރިހާ ކަމެއްގެ ފަހުން މިހާ ގިނައިން އަދި އަލަށް ކަންނޭންގެ މި ވާހަކަ ދައްކަނީ.... އެ ދުވަސްތަކުގަ ގޯތުރޫ ކުރި އެއްވެސް ކަމެއް ތެރަޕިސްޓަކަށް ވެސް ކިޔައެއް ނުދެން... އޭނާ ވެސް މަސައްކަތް ކޮށްދިނީ ޝައި އަށް ނޯމަލް ލައިފެއް ގެނެސްދެވޭތޯ... މިހާރުވެސް އެންމެ ފަހަރަކު ބޭސް ނުކައިފިނަމަ ޝައި އަށް ގޮތްގޮތް ވާނެ... ހުރެފަ ފެއިންޓް ވެސް ވެދާނެ... ބައެއްފަހަރު ކުރެވޭ ކަމެއް ނޭންގޭނެ... މިރޭވެސް ޝައި އަށް އެނގިގެން ބޭރަށް ނިކުތިން އެކަމަކު އެހިސާބަށް ދެވުނު ގޮތެއް ނޭންގެ..." ޝައިލާ ވާހަކަ ދައްކައި ނިމުންއިރު އިނީ އެސްފިޔަތައް ތެމިފައެވެ. ނަޒާން ވެސް އިނީ އިތުރަށް ބުނާނެ އެއްޗެއް ނޭންގިފައެވެ.

ނަޒާނަށް ނޭންގޭ އިތުރު ވާހަކައެއް ޝައިލާ ފޮރުވިއެވެ. އެއީ މައިންބަފައިން މަރުވުމުގެ ކުރިން ހިނގާ ދިޔަ އެންމެ ބޮޑު ހާދިސާއެވެ. އެހުރިހާ ކަމެއް ދިމާވަން މެދުވެރިވި ހާދިސާ އެވެ. އެރޭ އެހެން ނުވިނަމަ އެމީހުން މެލޭޝިއާއަށް ދާކަށް ނުޖެހޭނެ އެވެ. މެލޭޝިއާއަށް ނުދިޔަނަމަ މިއަދު އޭނާގެ ލޯބިވާ މަންމަ އާއި ބައްޕަ ތިބޭނީ ދުނިޔޭގައެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެ އެވެ.

"ޒާން އައިމް ނޮޓް ނޯމަލް" ޝައިލާ ދެން ބުނި ޖުމްލައިން ނަޒާނަށް ސިހުމެއް ލިބުނެވެ.

"އާފްޓަރ އޯލް ދިސް... އައި ބިލީވް އައިމް ނޮޓް ނޯމަލް" ނަޒާންގެ ލޮލަށް ބަލަން އިނދެ ޝައިލާ ބުނެލިއެވެ.

"ނޫން... ޔޫ އަރ ނޯމަލް... ޝައި އަމިއްލައަށް ޓްރައި ކޮށްފިއްޔާ ކުރިން ހުރި ގޮތަށް ހުރިހާ ކަމެއް ވެސް ބަދަލު ވެދާނެ" ނަޒާން ބުނެލިއެވެ. އަދި ޝައިލާގެ އަތުގައި ހިފައިލިއެވެ.

"އެންމެންވެސް ބުނޭ އެހެން... އެކަހަމަކު ޝައި މިހާރު ބޭނުމެއް ނުވޭ... އެކަމަކާ ހެދި ފަސް އަހަރު އުޅެން ޖެހުނު... އައިމް ފެޑް އަޕް" ނަޒާންގެ އަތައް ފިތައިލަމުން ޝައިލާ ބުނެލިއެވެ. އެއަތުގެ ބީހުމުން ޝައިލާއަށް ހަމަޖެހުން ލިބެމުން ދިޔައެވެ.

"ޑޯންޓް ގިވް އަޕް" ޝައިލާގެ މޫނަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ނަޒާނަށް ބުނެވުނީ އެވަރަށެވެ. ޝައިލާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހެން ފަށައިފި އެވެ.

ނަޒާން ޝައިލާގެ ދެއަތުގައި ހިފައިލިއެވެ. އަދި ބޯހޫރައިލުމަށްފަހު ރުއިން ހުއްޓައިލަން އެދުނެވެ. ނަމަވެސް ޝައިލާ ހުއްޓައިނުލުމުން ނަޒާން އިނީ ޝައިލާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހިތް ފުރެންދެން ރޯލުމަށްފަހު ޝައިލާ މޫނު ފުހެލިއެވެ. އަދި ދެ ފަހަރަކު ނޭފަތް އެތެރެއަށް ދަމައިލުމަށްފަހު ނަޒާންގެ މޫނަށް ބަލައިލިއެވެ.

"އައި ލަވް ޔޫ" ޝައިލާ އާއި ތަންކޮޅެއް ކައިރިވެލަމުން ނަޒާން ބުނެލިއެވެ. މައުސޫމު ގޮތަކަށް ޝައިލާ އިނީ ނަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ބުނާނެ އެއްޗެއް ދުލަށް ނައުމުން ޝައިލާ އިސްޖަހައިލިއެވެ.

"ޔޫ ޑިޒަރވް ބެޓާ" ކުރަކި އަޑަކުން ޝައިލާ ބުނެލިއެވެ.

"ނޫން ޝައި... ޔޫ އަރ ދި ވަން... އަހަރެން ބޭނުން ޝައި އަށް ހުރިހާ އުފަލެއް ވެސް ހޯދަދޭން..." ނަޒާންގެ ނިތްކުރި ޝައިލާގެ ނިތްކުރީގައި ޖައްސައިލަމުން އޭނާ ބުނެލިއެވެ. ޝައިލާ ދުރުވާން ނޫޅުމުން ނަޒާންގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ.

ދެމީހުން އެގޮތުގައި ސިކުންތުކޮޅަކު ތިބުމަށްފަހު ދުރުވީ ނަޒާންގެ ފޯނު ވައިބްރޭޓްވިހެން ހީވުމުންނެވެ. ޖީބުން ފޯނު ނަގައި ބަލައިލިއިރު އެއްކަލަ ނަންބަރުން މެސެޖެއް ކޮށްފައި އޮތެވެ.

"ޔޫ ޑޯންޓް ޑިޒަރވް ހާ" އެ މެސެޖު ފެނުމުން ނަޒާންގެ ނިތްކުރީގައި ރިއްސައިލިއެވެ.

މެސެޖުކުރާ މީހަކަށް ނަޒާން ކުރާ ހުރިހާ ކަމެއްވެސް އެބަ އިނގެއެވެ. ނިތްކުރިއަށް ރޫ އަރުވައިލަމުން ނަޒާން ދެފަރާތް ހޯދައިލިއެވެ. ތަންކޮޅެއް ދުރުން ދެ ފިރިހެނުން ހިނގާފައި ދަނިކޮށް ފެނުނެވެ. އެމީހުން ތިބި ހިސާބުގައި ދެން އިތުރު ބަޔަކު ފެންނާކަށް ނެތެވެ. ނަޒާންގެ މޫނުމަތީގެ ހާސްކަން ޝައިލާ އަށް ވެސް ހާމަވެއްޖެ އެވެ.

"ކިހިނެއްވީ؟" ޝައިލާ އަހައިލިއެވެ.

"ހާދަ ފިންޏޭ... ހިނގާ ދާން؟" ވާހަކަ އޮޅުވައިލަމުން ނަޒާން ބުނެލިއެވެ. ގޮތްނޭންގޭ އެމެސެޖުތަކުގެ ވާހަކަ ޝައިލާ ކައިރީ ބުނަން ނަޒާން ފަސްޖެހުނެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހަކަށް ނަޒާން ކުރާ ހުރިހާ ކަމެއް އިނގޭ ފަދައިން ނަޒާން ކޮށްފައި ހުރި ހުރިހާ ކަމެއް އިނގުން އެކަށީގެންވެ އެވެ. ޝައިލާ އޭނާ އަށް ގެއްލޭކަށް ބޭނުމެއް ނޫނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް