ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ މައިގަނޑު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރާ ރައްޔިތުންނަށް، ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ޖަޕާނާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިޔަށްގެންދިއުމުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގެ މުހިންމު އެއް ބޭނުންފުޅަކީ ވެސް ދެގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގަތީ ޖަޕާނު ސަރުކާރުން ދެއްވި ހާއްޞަ ދައުވަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް