ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރަން ޖެހުނު ގޮތުގެ ތަފްސީލް ދިނުމަށް އެ ޕާޓީގައި އެދިއްޖެ އެވެ.
އެމްޑީޕީން ޝުއައިބާ ދެކޮޅަށް ފިޔަވަޅު އެޅި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ހަމައެކަނި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ޝުއައިބު އެ ދުވަހު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އޭނާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވަނީ އެމްޑީޕީގެ އިސްވެރިންގެ ކާޓޫނު ކުރެހިކަމަށް ބުނާ މައްސަލައިގަ ކަމަށެވެ.
މިއަދު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ފޮނުއްވި ސިޓީގައި ޝުއައިބު ވިދާޅުވީ، ޕާޓީ އަށް ގެއްލުންވާ ގޮތަށާއި ފިތުނަ އުފެދޭ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ހުތުރު ބަހުން މުއާމަލާތް ކުރައްވާފައިވާ ކަމަށް ޕާޓީން ކުރާ ތުހުމަތުގެ ތަފްސީލު ދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި އޭނާ ކޮމިޓީން އެއްފަރާތް ކުރީ، ކުރި ތުހުމަތަށް ޖަވާބުދާރީވެވަޑައިގަތުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ ޑޮމޮކްރަޓިކް ޕާޓީއެއް ކަމަށާއި ޕާޓީގެ އެއްވެސް ގުނަވަނަކުން ހުދުމުހުތާރު ސިފަޔަށް އަމަލުތައް ހިންގުމަކީ ޕާޓީގެ އަސާސީ އުސޫލްތަކާ ހިލާފު ކަމެކެވެ. އޭނާ އަކީ އެމްޑީޕީ އަށް ގެއްލުންވާނެ ގޮތަށް އަމަލުކުރާނެ މީހެއް ނޫން ކަމަށް ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.
ޝުއައިބުގެ މައްސަލައެއް ބަލަން ފަށާފައި މިވަނީ ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އޭނާ ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި ޝުއައިބު ވިދާޅުވެފައިވަނީ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ނަޝީދު މަސައްކަތް ކުރާ ކަމަށެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ވަޒީރުންނަށް ފިޔަވަޅު އެޅުއްވުމަށާއި ގާނޫނީ މަސްއޫލިއްޔަތުން އެކަހެރިކުރައްވަން ކުރާއްވާ މަސައްކަތް ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންކަމުގެ ގޮތުގައި ކަަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހުރިހާ ކަމެއްގެ ސިއްރަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީީރަަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެކަމަކު އެކަން ކުރަން، ބުރަ މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް ޒަމީރާއި ފިކުރު ޖާގަ ނުދޭކަމަށް ވިދާޅުވެފައިވެ އެވެ.
ޝުއައިބުގެ ސިޓީއާ ގުޅިގެން ހަސަން ލަތީފު ފޮނުވި ޖަވާބު ސިޓީގައި ވިދާޅުވެފައިވަނީ، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ. އަދި ރައީސްގެ ހައިސިއްޔަތުން ނަޝީދު އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންކުރަން ނުޖެހޭ ކަމަށާއި ބޭނުން ނުވެސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް