ރާއްޖޭގައި އާންމު ހިދުމަތްދޭ ހުރިހާ ތަނެއް ދެ ހަފްތާ ތެރޭގައި އިންސްޕެކްޓުކޮށް ނިންމަނީ

މާލެ އާއި އަތޮޅުތަކުގައި އާންމު ހިދުމަތް ދޭ ހުރިހާ ތަނެއްގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރޭތޯ ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި އިންސްޕެކްޓުކޮށް ނިންމާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެނ...

22 Sep 2020 | 09:47

މާލެ އާއި އަތޮޅުތަކުގައި އާންމު ހިދުމަތް ދޭ ހުރިހާ ތަނެއްގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރޭތޯ ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި އިންސްޕެކްޓުކޮށް ނިންމާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބުނީ މިދިޔަ އާދިއްތަ ދުވަހު މާލޭ ސިޓީގެ އާންމު ހިދުމަތްދޭ ތަންތަނާއި ދަތުރުފަތުރުގެ ހިދުމަތްދޭ ތަންތަނާއި އޮފީސް މާހައުލުގައި ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރޭތޯ ބަލަން އިންސްޕެކްޝަން ފަށާފައިވާ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި މި އިންސްޕެކްޝަން ފަށާނެ ކަމަށެވެ.

އަތޮޅު ތެރޭގެ ހުރިހާ ރަށެއްގެ އިންސްޕެކްޝަން ނިންމޭނެ ކަމަށް އެ ސެންޓަރުން ލަފާކޮށްފައިވަނީ އެއް ހަފްތާއެވެ. އަދި މާލޭގެ ހުރިހާ ތަނެއް ދެ ހަފްތާ ތެރޭގައި އިންސްޕެކްޓު ކޮށް ނިންމާނެ އެވެ.

އަތޮޅު ތެރޭގައި އިންސްޕެކްޝަން ކުރިޔަށް ގެންދަން ޓިމުތައް ތަމްރީންކޮށް ވަނީ ނިންމާފައި އެވެ.

އިންސްޕެކްޝަނަށް ދާއިރު ގަވައިދާ ހިލާފަށް ހުރެއްޖެ އެތަނެއް ވަގުތުން ބަންދު ކުރާނެ އެވެ. އެޗްއީއޯސީން ރޭ ބުނީ މިދިޔަ އާދިއްތަ ދުވަހު ފެށި އިންސްޕެކްޝަންގައި މިހާތަނަށް މާލެއިން ބަންދު ކުރަން ޖެހުނީ އެންމެ ތަނެއް ކަމަށެވެ.

އަލަށް އަމަލު ކުރަން ފެށި އުސޫލުގެ ދަށުން ގައިޑްލައިނަށް އަމަލު ނުކުރާ ތަންތަން ބަންދު ކޮށްފި ނަމަ އެކަންކަން އިސްލާޙު ކުރުމުން 48 ގަޑިއިރު ތެރޭގާއި ހުޅުވުމުގެ ހުއްދަ ދޭނީ އެންމެ ފަހަރަކު އެވެ. ދެވަނަ ފަހަރު އެތަނަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެއްޖެ ނަމަ އެތަނެއް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެ ތަނެއް ހުޅުވުމުގެ ހުއްދަ ދޭނީ ފަސް ދުވަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް