ޕްރިމިއާ ލީގް: ލީގުގައި ކުޅުނު ފުރަތަމަ މެޗު ސިޓީން ކާމިޔާބު ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސް އަތުން މޮޅުވެއްޖެއެވެ. ރޭ ކުޅުނު މެޗުން ވުލްވްސް އަތުން ސިޓީ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. ވުލްވްސްގެ އަމިއްލަ ދަނޑުގަ...

22 Sep 2020 | 04:04

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސް އަތުން މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން ވުލްވްސް އަތުން ސިޓީ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

ވުލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން މޮޅު ކުޅުމެއް ދެއްކި އިރު، މެޗުގައި ސިޓީން ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި އިރު، ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ. މިއީ އޭރިއާ ތެރެއިން ޑިބްރޭނާއަށް ވުލްވްސްގެ ރޫމޭން ސައްޔިސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި މި މެޗުގައި ސިޓީން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ރަހީމް ސްޓާލިން ދިން ޕާހަކުން މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެނެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީން ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފަށް ނިކުމެ ވުލްވްސްއިން ރަނގަޅު ކުޅުމެއް ދައްކާ އެޓީމުން ވަނީ ސިޓީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ވުލްވްސްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ޑެނިއެލް ޕޮޑެންސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ވުލްވްސްއަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ.

ސިޓީގެ ތިންވަނަ ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގައެވެ. ސިޓީގެ ތިންވަނަ ލަނޑު ޑިބްރޭނާގެ އެހީތެރިކަމާއި އެކު ކާމިޔާބުކޮށްދިނީ ފޯވާޑް ގަބްރިއެލް ޖީސޫސްއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސިޓީ މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން ނުކުންނާނީ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް