ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަމުގައި ލަފާއަރުވާ ކޮމިޓީއެއް އެކުލަވާލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށް ޓަކައި ލަފާއާއި މަޝްވަރާ ދޭ ޚާއްޞަ ކޮމިޓީއެއް "ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ"ގެ ނަމުގައި މިނިސްޓްރީ އޮފް ޖ...

22 Sep 2019 | 16:44

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށް ޓަކައި ލަފާއާއި މަޝްވަރާ ދޭ ޚާއްޞަ ކޮމިޓީއެއް "ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ"ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު އެކުލަވައިލައިފިއެވެ.

ކަމާ ގުޅުން ހުރި ދާއިރާތަކުގެ 13 މެންބަރެއްގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ކުޑަކުދިންގެ ހިޔާ – ސީ.އީ.އޯ، ފިޔަވަތި – ސީ.އީ.އޯ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޮލިޓެކްނިކް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެމްބެސެޑަރ އަދި އޮންޓަރޕްރިނިއަރއެކެވެ.

ތިން  އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުއްލި ޙާއްލަތެއް ދިމާވެއްޖެ ނަމަ ކުއްލި ބައްދަލުވުމެއް ބޭއްވުމެއް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކޮންމެ ތިން މަހަކުން އެއް ފަހަރު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް