ދީނީ އިލްމުވެރިޔާ ޝެއިކް އިލްޔާސް ހުސައިންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެފައިވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެވެ. އިލްޔާސް ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގުނީ މިއަދު ސްރީލަންކާ މަގުން މެލޭޝިއާއަށް ވަޑައިގެންނެވުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް އިލްޔާސް ރަޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިއާގައި ބަހައްޓާފައިވާ ފޮއްޓަށެވެ.
އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އަނިޔާވެރި ގޮތަކަށް މަރާލި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައިގެން އިލްޔާސް ދެއްކެވި ވާހަކަތަކަކަށް ޖަވާބުދާރީވާން ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް މި މަހުގެ ފަސްވަނަ ދުވަހު އަންގައިފަ ވަނިކޮށެވެ. އެކަމަކު އޭރު އިލްޔާސް ހުންނެވީ މެލޭޝިއާގައި އެވެ.
އިދިކޮޅު ކޯލިޝަނުން ހިތަދޫގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާ މެލޭޝިއާއަށް އޭރު ވަޑައިގަތީ ފިއްލަވަން ނޫން ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަތް ކަން ފުލުސް އޮފީހަށް ވެސް އަންގަވާފައި ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް