ކޯވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާކަން، އަދި ގޯހުން ގޯހަށް ދާކަމުގެ ސިގްނަލް ލިބެނީ މި ނަމްބަރުތަކުންނެވެ. މިއީ އެންމެ ހަފްތާއެއްގެ ތަފާސް ހިސާބުން ދައްކާ ބޮޑު ބިޔަ މަންޒަރެވެ.
މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށްވާ ހަތް ދުވަހުގެ ތަފާސް ހިސާބަށް ބަލާލާއިރު ފެންނަނީ ބިރުވެރި މަންޒަރެކެވެ. މި މާލެ ސަރަހައްދު ފުރަބަންދުކޮށް، އަހަރެމެން އެންމެން ގޭގައި ފުރަބަންދުގައި ތިބީ މާލެއިން ހަމަ އެންމެ ކޭސްއެއް ފެނިގެންނެވެ. ފުރަބަންދުގައި މަހެއް، ދެމަސް، ތިން މަސް ވީއިރުވެސް އަދަދު 100 އިން މައްޗަށް އަރާފައެއް ނުވެއެވެ. 100 އާއި ގާތްވެސް ވެފައެއް ނުވެއެވެ.
ނިސްބަތުން ދިވެހިންގެ އަދަދު މާ މަތީގައި
އެހެން ނަމަވެސް ފާއިތުވި ހަތް ދުވަހު ރާއްޖެއިން ޖުމްލަ 992 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. މި 992 މީހުންގެ ތެރެއިން 798 މީހުންނަކީ ދިވެހިންނެވެ. އެއީ ފާއިތުވި ހަފްތާގައި ޕޮޒިޓިވްވި އެންމެންގެ 80 އިންސައްތައެވެ.
ފާއިތުވި ހަތް ދުވަހު ހަމަ ކޮންމެ ދުވަހަކުވެސް އަދަދުތައް ހުރީ 100 އިން މަތީގައެވެ. އަދަދުތައް 100 އިން މަތީގައި ހުރި އިންރު އިންޒާރުގެ އަނެއް ސިގްނަލް ދެނީ ދުވަހެއް ދުވަހަކަށް ދިވެހިން ޕޮޒިޓިވް ވާވަރު އިތުރުވަމުން ދިޔުމެވެ. 15 އޯގަސްޓްގައި ޕޮޒިޓިވް ވި ދިވެހިންގެ ޕަސެންޓޭޖް 68ގައި ހުރި އިރު ހަތް ދުވަހުގެ ތެރޭގައި އެ ޕަސެންޓޭޖް މިވަނީ 86 އަށް އަރާފައެވެ.
ހަތަރު ފުރާނަ ގެއްލިގެން ދިޔަ
ކޯވިޑް-19 ގައި ނިޔާވާ ނިސްބަތްވެސް ނިމިދިޔަ ހަފްތާގައި މަދެއް ނޫނެވެ. އެންމެ ހަފްތާއެއްގެ ތެރޭގައި ހަތަރު ފުރާނަ މިވަނީ މި ބަލީގައި ގެއްލިފައެވެ. ނިޔާވި ހަތަރު މީހުންގެ ތެރޭގައި ތިން މީހުންނަކީ ދިވެހިންނެވެ.
ފެންނަނީ ތަފާތު މަންޒަރެއް !
ހާލަތު އިތުރަށް ގޯސްވެ، ކުރިއަށް އޮތް ހަފްތާ ނުވަތަ މަސް ދުވަހުން ޕޮޒިޓިވް ވާ އަދަދާއި މި ބަލީގައި ނިޔާވާ އަދަދު އިތުރުވެދާނެ ކަމަށް ތަފާސް ހިސާބުން ދައްކާ މަންޒަރުން ސާފުކޮށް ފެންނަން އޮތް ނަމަވެސް މަގުމައްޗަށް ބަލާލުމުން ފެންނަނީ ތަފާތު މަންޒަރެކެވެ.
ތިމަންނައަށް ކީއްހޭ؟ ބުނާފަދަ މަންޒަރެކެވެ. ހާއްސަ ގޮތެއްގައި ހަވީރު ވަގުތެއްގައިނަމަ ފުރަ މާލޭގެ މަގުތަކާ ވަދެވޭ ގޮތަށް ހުރިއްޔާ ހުރި މައިޒާނެއް އޮންނަނީ ފުރި ބާރުވެފައެވެ. ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި އުޅޭ މަންޒަރު ފެނުނު ނަމަވެސް، އެހެން ކަމަކަށް ބަލާލާހެނެއް، ފެންނަ މަންޒަރުތަކުން ހިއެއް ނުވެއެވެ. ތިން މީހުންނަށްވުރެ ގިނަ މީހުން އެކުގައި ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންސްގައި އޮތް ނަމަވެސް ކިތަންމެ ގިނަ އަދަދެއްގެ ބަޔަކު އެއް ތަނަކަށް ޖަމާވެ ތިއްބަސް ފުލުހުންނަށްވެސް މަންޒަރު ނުފެންނަ ފަދައެވެ.
ނުރައްކާ އަތޮޅުތަކަށް ! ރަނގަޅު ހިދުމަތެއް ދެވެން ނެތް ރަށްތަކަށް !
މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެފައި އޮންނަތާ ހައެއްކަ މަސް ވެފައިވީނަމަވެސް، ރަށް ރަށަށް މީގެ ކުރިން އޮތީ ކޯވިޑް-19ގެ ނުރައްކާ އެހާ ބޮޑު ކޮށެއް ނޫނެވެ. ނަމަވެސް ފާއިތުވި ހަފްތާއަށް އެކަނި ބަލާލި ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުން ކޯވިޑަށް ޕޮޒިޓިވް ވާ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެކްޓިވް ކޭސްތައް މީހުން ދިރިއުޅޭ 21 ރަށެއްގައި އެބަ ހުއްޓެވެ.
ކޯވިޑަށް ހާއްސަކޮށް މެޑިކަލް ފެސިލިޓީތަކެއް ގާއިމްކޮށްފައިވީނަމަވެސް އަދިވެސް ހަމަ ބޮޑުކަމެއް ޖެހިއްޖެއްޔާ، ހާލު ދެރަވެއްޖެއްޔާ ގެންނަން އޮތީ މި ފުރަމާލެ ސަރަހައްދަށެވެ.
ޗާޓުތަކުންވެސް ދެނީ ނުރައްކަލުގެ އިންޒާރު !
އަދަދުތައް އިތުރުވަމުން އަންނައިރު މިއީ ކޯވިޑް-19ގެ ދެވަނަ ރާޅެކޭ ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް ޗާޓުތަކަށް ބަލާލާއިރު މިއީ ދެވަނަ ރާޅެއް ކަމާއި ކުރީ ރާޅަށްވުރެ މި ރާޅުގެ ބާނި ބޮޑުވެފައި އޮއި، ވަރުގަދަކަން ޗާޓުތަކުން ދައްކައެވެ.
ނުރައްކަލުގެ އިންޒާރު އެންމެ ބޮޑަށް ދޭ އެއް ޗާޓަކީ "ޕްރިއޯރިޓީ އީޒް ޕްލޭން އިންޑިކޭޓާރ ސްކޯރ" ޗާޓެވެ.
މި ޗާޓުން އިންޑިކޭޓް ކޮށްދެނީ ފުރަބަންދަށް ލުއި ދިނުމާއި ފުރަބަންދުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭކަން އިންޑިކޭޓް ކޮށްދޭ މިންތަކެވެ.
އެ ޗާޓުގައި ވަނީ މައިގަނޑު ތިން ލެވެލެކެވެ. އެއީ ލުއި ދިނުން އިތުރު ކުރަންވީ ލެވަލަކާއި އެއްވެ އުޅުން މަދުކުރަންވީ ލެވެލަކާއި ފިޔަވަޅުތައް ހަރުކަށި ކުރަންވީ ލެވެލެކެވެ. މި ޗާޓުން ދައްކާގޮތުގައި މިހާރު މިވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަންވީ ލެވަލަށް އަރާފައެވެ.
ފިޔަވަޅުތައް ވަރުގަދަ ކޮށް ފުރަބަންދަކަށް ދެވޭކަށް ނެތް !
އަޅަންވީ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭކަން އިންޑިކޭޓަރ ތަކުން ދެއްކިޔަސް އަލުން އަނބުރާ ފުރަބަންދަކަށް ދެވޭކަށް ނެތެވެ. ހަމަ އެކަނި ސަރުކާރެއް ނޫނެވެ. ދެން ފުރަބަންދަކަށް ގޮސް ދެ މަސް ތިން މަސް ތިބެން ވެއްޖެ ނަމަ ކުރުކޮށް ބުނާނަމަ އާންމު ރައްޔިތު މީހާ ބަނޑަށް ޖެހޭ ހާލަތަށް ދާނެ ކަމީ ނުވުމަށްވުރެ ވުން މާ ގާތް ކަމެކެވެ.
އެހެން ނަމަވެސް ފުރަބަންދަށް ނުދިޔަ ނަމަވެސް ކޮންމެވެސް މިންވަރެއްގެ ފިޔަވަޅުތަކެއް އިތުރުކޮށް، ވަރުގަދަ ކުރެވިދާނެއެވެ. ސްކޫލުތަކުގެ ކިޔެވުން ހުއްޓާލާ އޮންލައިންކޮށް ކިޔެވުންތައް ކުރިއަށް ގެންދާ ގޮތަށް އޮފީސްތަކުގެ މަސައްކަތްތައްވެސް ގޭގައި ތިބެގެން ކުރާ ގޮތަށް ބަދަލެއް ގެނެވިދާނެއެވެ. އަދި ކަންކަން މޮނީޓަރ ކުރުމުގައި ފުލުހުން އަދާކުރާ ރޯލުވެސް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެވިދާނެއެވެ.
އެންމެ މުހިންމީ ފަރުދީ ޒިންމާ !
މި ދައްކަނީ އާދައިގެ ވައިރަހެއްގެ ވާހަކައެއް ނޫނެވެ. ބިރުވެރިކަން އުފައްދަން ބޭނުން ނުވާތީ މިއީ މަރުގެ ބައްޔެކޭ ނުބުނި ނަމަވެސް، މި ބަލި ނުވަތަ މި ވައިރަސް ޖެހިގެން މަރުވުމުގެ ފުރުސަތު އޮތްކަން، މި ބަލީގައި ރާއްޖެއިން 26 މީހަކު މިހާތަނަށް މަރުވެފައިވާ ވުމުންވެސް ސާފެވެ. ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ދެމުންދާ މީހުންނަށް ނަމަވެސް، ޒުވާނުންވެސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުންވެސް ދުނިޔެއިން މި ބަލީގައި މަރުވެފައިވެއެވެ.
ނުރައްކާތެރި މި ވައިރަހުގެ ބިރު އިތުރަށް ބޮޑުނުވެ ކޮންޓްރޯލް ކުރެވެން އޮތީ މިހާރަށްވުރެ ބޮޑަށް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ކޮންމެހެން ބޭރަށް ނިކުންނަން ނުޖެހޭނަމަ ގޭގައި ތިބެގެންނެވެ. ގިނަ ގިނައިން އަތް ދޮވެގެންނެވެ. އަދި ވައިރަހަށް ހުށަހެޅޭ ހުރިހާ ކަމަކުންވެސް ދުރު ވެގެންނެވެ.
ވައިރަހަށް ވެކްސިންތަކެއް އުފެދި ޓެސްޓިން މަރުހަލާގައި ނުވަތަ ބައެއް ގައުމުތަކުގައި "އާރލީ ސްޓޭޖް" ގައި މިފަދަ ވެކްސިންތައް ބޭނުން ކުރަން ފަށާފައިވީނަމަވެސް ރާއްޖެއިން މި ވައިރަސް ކޮންޓްރޯލް ކުރެވޭނީ ރާއްޖެއާއި ހަމައަށް މި ވެކްސިން އައި ދުވަހަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް