ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އައު ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު އެ ޔުނިވާސިޓީން މިއަދު ހުޅުވާލައިފިއެވެ.
އެގޮތުން އެ ޔުނިވާސިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި އެ ޔުނިވާސިޓީގެ ކައުންސިލުގެ މެމްބަރުކަމަށް އަށް ދާއިރާއަކުން އަށް ބޭފުޅުން ބޭނުންވެއެވެ. އެއީ ތައުލީމު ދިނުމާއި އުނގެނުމުގެ ދާއިރާއާއި ސިއްހަތު ދާއިރާއާއި ޝަރީއަތާއި ޤާނޫނުގެ ދާއިރާއާއި ފިނޭންސް/ބިޒްނަސް/އެކައުންޓިން/ޓޫރިޒަމް ދާއިރާއާއި ސައިންސް/ޓެކްނޮލޮޖީ/އިންޖިނިއަރިން ދާއިރާއާއި އާޓްސް/ކަލްޗާ/ސްޕޯޓްސް ދާއިރާގެ އިތުރުން ޤައުމީ ސަލާމަތްތެރިކަން/ޑިޒާސްޓަރ މެނޭޖްމަންޓް ދާއިރާއެވެ.
އެމްއެންޔޫގެ ކައުންސިލަކީ 19 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ 19 މެމްބަރުންގެ ތެރޭގައި، މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އައްޔަން ކުރައްވާ އަށް މެމްބަރުންނާއި އިންތިޚާބުކުރާ އަށް މެމްބަރުންގެ އިތުރުން ކައްސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކެވެ.
މި ކައުންސިލަކީ ޔުނިވާސިޓީގެ ގާނޫނަށް މި ފަހުން ގެނައި ބަދަލާއި ގުޅިގެން އުފައްދާ ކައުންސިލެކެވެ. މި ކައުންސިލަކީ ޔުނިވާސިޓީ ހިންގާ އެންމެ އިސް ފަރާތްކަމުގައިވާއިރު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މި ކައުންސިލް އުފއްދަން ޖެހެއެވެ. އެއީ ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ކައުންސިލް އެކުލަވާލަން ޖެހޭތީއެވެ. އިސްލާހު ތަންފީޒު ކުރަން ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް