ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅު ވެއްޖެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާޢީ މައްސަލަތައް ހައްލުކުރެވެން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރެވި ވަޒީފާތައް އުފެދި ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެންކަމުގައި ވިދާޅުވެފައެވެ. އަދި މިހުރިހާ ކަމެއް ކުރެވޭނީ ޒަމާނުންސުރެ މާލެއަށް ލިބިފައިވާ ބާރުތަށް ދޫކޮށްގެންކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތަށް އެކަހެރިކޮށް އޮތްއޮތުމަށް ނިމުމެއް ގެނެވޭނީ ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށާއި އަދި ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭނުންވާ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް އިޞްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުން ހިމެނޭކަމުގައި ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވެގެންދާނެއެވެ. ހަމައެއާއެކު ލާމަރުކަޒީ ޤާނޫނަށް ގެންނަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް