އިދިކޮޅު ކޯލިޝަނުން އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި އެ ކޯލިޝަންގެ ޓީމެއް މިއަދު ހެނދުނު އޭސީސީއަށް ހިނގައްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އޭސީސީއަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު އެއިން އެއްވެސް މައްސަލައެއް ކުރިޔަށް ނުދާތީ ކަންބޮޑުވާކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ޝަހީބު އިބްރާހިމް ވަނީ ބުނެފައެވެ.
"މައްސަލަތައް ކުރިއަކަށްނުދޭ. އެހެންވެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރަން އަޅުގަނޑުމެންގެ ޓީމުން މިއަދު އައިސް މި އެދުނީ. އަޅުގަނޑުމެން ވާނެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ވައްދާފައި. ކޮމިޝަންގެ ނައިބު ރައީސް އަޅުގަނޑުމެންނާ ބައްދަލުކުރަން އިންކާރު ކުރީ." ޝަހީބު ބުންޏެވެ.
އޭސީސީގެ މެންބަރުންނާއި ބައްދަލުކުރަން އެދުމުން އޭސީސީން ބުނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރެވޭނީ ކޮމިޝަންގެ ރައީސް އެއްމަސް ފަހުން ޗުއްޓީ ނިންމަވާފައި އޮފީހަށް ނިކުމެވަޑައިގެންނެވުމުން ކަމަށް ޝަހީބު ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން އޭސީސީއަށް ވައްދާ މައްސަލަތައް ވަކި ބަޔަކަށްވީތީ ތަފާތު ކުރުމެއްނެތި ބަލަންޖެހޭނެ ކަމަށާއި، މިހާރު އޭސީސީއަށް ވައްދާފައިވާ މައްސަލަތައް އިންސާފުވެރި ކަމާއެކު ބައްލަވައި، އަވަސް ޖަވާބެއް ދެއްވުމަށް ގޮވާލާކަމަށް ވެސް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް