މަނީ ލޯންޑަރިންގެ މައްސަލައެއްގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޖަލަށް

މަނީ ލޯންޑަރިން އާއި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު، ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފިއެވެ. ޗިދަމްބަރަމް، 73، ގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، އެ...

22 Aug 2019 | 06:31

މަނީ ލޯންޑަރިން އާއި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު، ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފިއެވެ.

ޗިދަމްބަރަމް، 73، ގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ބޭރުގެ އިންވެސްޓްމެންޓްތަކަށް ކޮރަޕްޝަން ހިންގައިގެން ހުއްދަ ދެއްވި މައްސަލައެކެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރަނީ އައިއެންއެކްސް ގްރޫޕަށް 2007 ވަނަ އަހަރުގެ ތެރޭގައި، 10 މިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓަށް ހުއްދަ ދިން މައްސަލައިގަ އެވެ.

އިންޑީއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ޗިދަމްބަރަމް ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ހައްޔަރުކުރި ދުވަހުގެ އެއްރޭ ކުރިން ޗިދަމްބަރަމް އާއި ސުވާލުކުރެއްވުމަށް ފުލުހުން އެމަނިކުފާނު އުޅުއްވާ ގެއަށް ދިޔަ ނަމަވެސް، ގޭގައި އެވަގުތު ނޫޅުއްވާކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ސީބީއައި އިން މި މައްސަލައިގެ ތުހުމަތުގައި ޗިދަމްބަރަމް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ޖަލުން ދޫކޮށްލާފައެވެ.

ޗިދަމްބަރަމް އަކީ އިދިކޮޅުގެ މައި ކޮންގްރެސް ޕާޓީގެ ސީނިއާ މެންބަރެކެވެ. ފިނޭންސް މިނިސްޓަރު ކަމުގެ އިތުރުން، އެމަނިކުފާނު ވަނީ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް