ލޫކާކޫގެ ބަހުގެ ހަމަލާއެއް ޔުނައިޓެޑްގެ ފޭނުންނަށް

ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ދިފާއުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރީތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޮމެލޫ ލޫކާކޫ އެ ޓީމަށް ފާޑުކިޔައިފިއެވެ. ޔުނައިޓެޑް ދޫކޮށް އިންޓަ މި...

22 Aug 2019 | 05:21

ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ދިފާއުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރީތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޮމެލޫ ލޫކާކޫ އެ ޓީމަށް ފާޑުކިޔައިފިއެވެ. ޔުނައިޓެޑް ދޫކޮށް އިންޓަ މިލާންއަށް މިހާރު ބަދަލުވެފައިވާ ލޫކާކޫ ވަނީ، އާންމު ގޮތެއްގައި ޔުނައިޓެޑްގެ ކޮންމެ ގޯހެއްގެ ޒިންމާ އޭނާ އާއި އެލެކްސިސް ސަންޗޭޒް އަދި ޕައުލް ޕޮގްބާގެ ބޮލުގައި އަޅުވާކަމަށް ބުނެ ޔުނައިޓެޑްގެ ފޭނުންނަށް ވެސް ފާޑުކިޔާފައެވެ.

މިފަހަރުގެ އިނގިރޭސި ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ލޫކާކޫ ވަނީ 80 މިލިޔަން ޔޫރޯއަށް އިންޓަ މިލާންއަށް ބަދަލުވެފައެވެ. މީގެ 2 އަހަރު ކުރިން އެވަޓަން ދޫކޮށް ލޫކާކޫ ޔުނައިޓެޑާ ގުޅުނުއިރު އޭނާގެ ފަރާތުން އުންމީދު ކުރެވުނު ފަދަ ކުޅުމެއް ޔުނައިޓެޑްގައި ފެނިގެނެއް ނުދިޔައެވެ.

މޮރީނިއޯ ޔުނައިޓެޑްގެ ކޯޗަކަށް ހުރިއިރު، އުމުރުން 26 އަހަރުގެ ލޫކާކޫ އެންމެ މުހިންމު ފޯވާޑްގެ ގޮތުގައި ޓީމުގައި ބޭނުން ކުރަމުން އައި ނަމަވެސް، އޭރު ވެސް ލޫކާކޫގެ ކުޅުމާމެދު ޔުނައިޓެޑްގެ ސަޕޯޓަރުން ހިންހަމަނުޖެހުން ފާޅުކުރަމުން ދިޔައެވެ. އެއަށްފަހު، މޮރީނިއޯ ވަކިކޮށް އޮލެ ގުނަ ސޯލްޝެއާ އާ ކޯޗުކަން ހަވާލުކުރުމުން، ލޫކާކޫގެ ޖާގަ ގެއްލި، ފުރަތަމަ ޓީމުން ޖާގަ ހޯދަމުން އައީ ޒުވާން ފޯވާޑް ރަޝްފޯޑެވެ.

އެހެނަސް، ލޫކާކޫ ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑާއި އެ ޓީމުގެ ސަޕޯޓަރުން އޭނާގެ ކުޅުމުގެ ފެންވަރާމެދު ބޭއިންސާފުން ފާޑުކިޔާފައިވެއެވެ. އަދި ޕޮގްބާ އާއި ސަންޗޭޒް އާމެދުގައި ވެސް ގެންދަނީ އެގޮތަށް ކަންތައް ކުރަމުންނެވެ. މީގެ ތެރެއިން ސަންޗޭޒް މި ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން އިންޓަ އަށް ބަދަލުވާނެކަމަށް ވަނީ ބެލެވިފައެވެ.

"އެ މީހުން އެބަ ޖެހޭ ކުށްވެރި ކުރާނެ މީހަކު ހޯދަން. އެ މީހުންނަށް ފެންނަނީ ޕޮގްބާ، މަ ނޫނީ ސަންޗޭޒް. އަބަދު ވެސް އެއީ (ފާޑުކިޔުން އަމާޒުކޮށް ކުށްވެރިކުރަނީ) އަހަރެމެން ތިން މީހުން" ލޫކާކޫ ބުންޏެވެ.

ޔުނައިޓެޑްގައި މި އަހަރު ރަނގަޅަށް ޕާފޯމް ނުކުރެވުނީ އޭނާއަށް އެކަނި ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެހެނަސް، އަބަދު ވެސް ކުށްވެރިވަނީ އޭނާކަމަށް ބުނެ ލޫކާކޫ ވަނީ ވަރަށް ބޮޑަށް ޔުނައިޓެޑާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް