ލޯބިވާ ފިރިމީހާއަށް: އަހަރެން ބޭނުންވަނީ ކަލާގެ ވަގުތެވެ. ފައިސާ އެއް ނޫނެވެ!

ލޯބިވާ ފިރިމީހާ އަށް. ކަލާ ތީ އޭރު ވެސް އަދި މިހާރުވެސް މި ހިތުގެ ރަސްގެފާނެވެ. ކަލާއަށްޓަކައި، ކަލާގެ ލޯތްބަށްޓަކައި ޖާނުން ގުރުބާންވާން ކަނޑައެޅި އަޒުމުގެ މަތީގައި މިއަދުވެސް އަހަރެންވަމެވެ. ވަފާތެރ...

22 Aug 2019 | 04:12

ލޯބިވާ ފިރިމީހާ އަށް. ކަލާ ތީ އޭރު ވެސް އަދި މިހާރުވެސް މި ހިތުގެ ރަސްގެފާނެވެ. ކަލާއަށްޓަކައި، ކަލާގެ ލޯތްބަށްޓަކައި ޖާނުން ގުރުބާންވާން ކަނޑައެޅި އަޒުމުގެ މަތީގައި މިއަދުވެސް އަހަރެންވަމެވެ. ވަފާތެރިކަމާއި އިޚްލާސްތެރިކަން މަތީ އިއްޔެ ވެސް މިއަދު ވެސް އަދި މާދަމާ ވެސް ހުންނާނަމެވެ. އެހެނަސް މިއަދު މި ވާހަކަތައް ހިއްސާކުރަން އަހަންނަށް މަޖުބޫރިވީއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ކަންތައްތައް އިސްލާހުކޮށް އަނދިރިވެފައިވާ މި ހަޔާތައް ބަހާރު މޫސުން އަލުން ގެނައުމަށްޓަކައެވެ. އަހަރެން ފަދައިން ދިރިއުޅެމުންދާ އެތައް އަންހެނުންގެ އިހްސާސްތައް ވެސް އެނގޭތީއެވެ.

ލޯބިވާ ފިރިމީހާއެވެ. ހަނދާންވޭހެއްޔެވެ. އަހަރަމެން ރައްޓެހިވެގެން އުޅުނު އިރު ކިހާ ވަގުތެއް އެކީގައި ހޭދަ ކުރިން ހެއްޔެވެ. ކިތައްމެ ގިނައިން ވަގުތު ހޭދަކުރެވުނަސް އޮންނަނީ އެވަރު މަދުވެފައެވެ. ނިދަނީ ކަލާގެ ފޯނެއްގަ އޮވެއެވެ. ހޭލަނީ ކަލާގެ ފޯނަކުންނެވެ. ގަބޫލުކުރަމެވެ. މިހާރު އެހާ ވަގުތެއް ނޯންނާނެއެވެ. އެއަށްވުރެ މާ ބިޒީއެވެ. އެހާ ވަގުތެއް އަހަރެން ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެން ހަމައެކަނި މިއެދެނީ ލިބޭ ހުސް ވަގުތު ކޮޅު އަހަންނާއި އެކީ ހޭދަކޮށްދިނުމަށެވެ. އޮފީހުގައި ރޭގަނޑު ވަންދެން އުޅުނަސް ޝަކުވާއެއް ނެތެވެ. އެހެނަސް ރޭގަނޑު ގެއަށް އައިސް ހުރިހާ ރެއެއް ރައްޓެހިންނަށް ހުސްކޮށްލުމުގެ ބަދަލުގައި އަހަންނާއި އެކީގައިވެސް ވަގުތު ހޭދަކޮށްލަދޭށެވެ. ގޯސްކޮށް ނުވިސްނާށެވެ. ބައެއް ރޭރޭ ރައްޓެހިންނާއި އެއްކޮށް ކޮފީ އަށް ދިޔަޔަސް އަހަރެންގެ ހަމައެއްވެސް ޝަކުވާއެއް ނެތެވެ.

ގިނަ ރޭރޭ އަހަންނަށް ނިދެނީ ފިރިމީހާ ގެއަށް ނައިސްގެން އިންތިޒާރުގައި އޮއްވައެވެ. ބައެއް ރޭރޭ ދަންވަރުވެސް ގެއަށް އަންނައިރު އަހަރެން އިންތިޒާރުގައި ހޭލާ އިންނަމަވެ. ފިރިމީހާ ނުކައި ހުރެދާނެތީއެވެ. ކަމެއް ބޭނުންވެދާނެތީއެވެ. އެހަނެސް ލޯބިވާ ފިރިމިހާއެވެ. ތިބާގެ ފަރާތުން އަހަންނަށް ހަމަ އެއްވެސް ނަސީބެއް ނެތީ ހެއްޔެވެ. އަހަންނަން އެނގެއެވެ. އަހަރެން ބަހައްޓާފައި މި ހުންނަނީ ރީތި ނަލަ އެޕާޓްމެންޓެއްގައެވެ. ތަނަވަސް ޖާގަ އޮވެއެވެ. އެހެނަސް އެ ތަނަވަސްކަމަކުން ހިތަށް ތަސައްލީއެއް ނުލިބެއެވެ. އަހަރެން ބޭނުންވަރަކަށް ފައިސާ ދެމެވެ. އެހެނަސް އެ ފައިސާއަކުން އަހަންނަކަށް އުފާވެރިކަމެއް ނުގަނެވޭނެއެވެ.

އަހަރެން ފިރިމީހާ އަކީ ދުވަހަކުވެސް އަހަރެން ގައިގައި ޖެހި މީހެއް ނޫނެވެ. ކުދި ކުދި މައްސަލަތަކުގައި ދެބަސް ވިޔަސް ޒުވާބުކޮށް އުޅޭ މީހެއް ނޫނެވެ. އެހެނަސް އެއީ އަހަރަމެންގެ މާމުއި ހަނދުގައި ފެނުނު އަދި އުޅުނު ފިރިމީހާވެސް ނޫނެވެ. އަހަރެންގެ ހިތުގެ ޝަކުވާ އަކީ ހަމަ އެންމެ ޝަކުވާއެކެވެ. އަހަންނާއި އެކީގައި ވަގުތު ކޮޅެއް ހޭދަކޮށްލަދޭށެވެ. އެ ލޮބެވެތި ފިރިމުންތަކާއި އެ ހޯދި އުފާތައް ކޮބާ ހެއްޔެވެ. ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށްދަނީއެވެ. އެހެނަސް އަހަރެން މާޔޫސްނުވަމެވެ. ރީތި ނަލަ ނަލަ ހަނދުވަރެއްގައި ރީތި ދޮންވެލި ތުނޑިއެއްގައި ރާޅު ގުނަން ފަތިސްވަންދެން ތިބޭނެ ދުވަހެއް އަދި އަންނާނެ ކަމަށް އަހަރެން ގަބޫލުކުރަމެވެ. އަހަރެން އުއްމީދު ކަނޑައެއް ނުލަމެވެ. އަހަރަމެން ދެ މީހުންވީ އެއަށްވުރެ މާނަ ފުން ވަރުގަދަ ލޯތްބެކެވެ. ވަކިވެލަމުންވެސް އެއް ކަމެއް ޔަގީންކޮށްދޭނަމަވެ. ތިބާގެ އަނތްބެއްގެ ގޮތުގައި ވީހާ ދުވަހަކު ވަފާތެރިކަމާއި އިޚްލާސްތެރިކަން މަތީ ހުންނާނަމެވެ. މި ހިތުން ތިބާއަށް ދެވިފައިވާ ޖާގަ އެގޮތުގައި އަބަދުވެސް އޮންނާނެއެވެ. އެ ލޯތްބާއި ގަދަރާއި އިހްތިރާމް އަބަދުވެސް ދޭނަމެވެ. ކައިވެނީގެ ފުރަތަމަ ރޭ އަހަރެން ވީ ވައުދު ފަދައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް