ޔުވެންޓަސްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުޅުން ހުއްޓާލާނެ ދުވަހެއް ޔަގީން ނުވާ ކަމަށާއި، އެއީ ފަހަރެއްގައި އަންނަ އަހަރު ކަމުގައި، ނުވަތަ އުމުރުން 40 އަހަރުގައި ކަމަށް ވެސް ވެދާނެ ކަމަށް ބުނެފިއެވެ.
ރެއާލް މެޑްރިޑް ދޫކޮށް ފާއިތުވި ސީޒަންގައި ޔުވެންޓަސް އާ ގުޅުމަށްފަހުގައި ވެސް އުމުރުން 40 އަހަރުގެ ޕޯޗުގީޒް ފޯވާޑް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ރޮނާލްޑޯ ވަނީ ހުރިހާ މުބާރާތަކުން 43 މެޗުން ޖުމުލަ 28 ލަނޑު ޖަހާފައެވެ. ފާއިތުވި ސީޒަންގައި ޔުވެންޓަސްއިން އަނެއްކާ ވެސް ލީގު ކާމިޔާބުކުރިއިރު ވެސް ރޮނާލްޑޯގެ ދައުރު ބޮޑެވެ.
ކުޅުން ހުއްޓާލާނެ ދުވަހަކާ މެދު، 5 ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަށް ވެސް އަދިވެސް ޔަގީންކަމެއް ނެތެވެ. އެހެނަސް އޭނާ ވަނީ އެއީ ފަހަރެއްގައި މާކަ ދުރުގައި އޮތްކަމެއް ނޫންކަމުގެ އިޝާރާތެއް ދީފައެވެ.
"އަހަރެން އެކަމާމެދު ނުވިސްނަން" ޓީވީއައި އަށް އަންގާރަ ދުވަހު ދިން އިންޓަވިޔުއެއްގައި ރޮނާލްޑޯ ބުންޏެވެ.
"ފަހަރެއްގައި އަހަރެންނަށް ކުޅުން ހުއްޓާލެވިދާނެ އަންނަ އަހަރުގައި ވެސް... އެކަމަކު އަހަރެންނަށް 40 ނޫނީ 41 އަހަރު ވަންދެން ވެސް ކުޅެވޭނެ" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޮ ވަނީ އޭނާގެ އަމިއްލަ ކާމިޔާބީއާ މެދުގައި ވެސް ވާހަކަ ދައްކާފައެވެ.
"އަހަރެންނަށްވުރެ ގިނަ ރެކޯޑްތައް އޮތް ފުޓްބޯޅަ ކުޅުންތެރިއެއް އެބަހުރިތަ؟"
"އަހަރެންނަށްވުރެ ގިނަ ރެކޯޑް އޮތް ފުޓްބޯޅަ ކުޅުންތެރިޔަކު ހުރިހެނެއް އަހަންނަކަށް ހިއެއް ނުވޭ" ރޮނާލްޑޯ ބުންނެވެ.
ތަފާތު ގިނަ އިންޑިވިޖުއަލް ރެކޯޑްތަކުގެ އިތުރުން ރޮނާލްޑޯ ވަނީ 5 ޗެމްޕިއަންސް ލީގު (ރެއާލް މެޑްރިޑާއެކު 4 ތަށި އަދި މެންޗެސްޓާ ޔުނައިޓެޑާއެކު 1 ތަށި)، އިނގިރޭސި ޕްރިމިއާ ލީގު 3 ތަށި އަދި ލަލީގާ 2 ތަށި ވެސް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ވެސް ވަނީ 1 ފަހަރު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް