ނަމާދުކުރުން ހުއްޓާލާފައިވާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ ދީނީގޮތުން މައްސަލައެއް ނޫން – ޝެއިޚް ޒައިދު

ނަމާދުކުރުން ހުއްޓާލާފައިވާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށް އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުދު ނަމ...

22 Aug 2018 | 09:35

ނަމާދުކުރުން ހުއްޓާލާފައިވާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށް އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުދު ނަމާދުކުރުމުގައިވެސް ފައިވާނުގައި ނަމާދުކުރުން ހުއްދަކަމަށް ޞައްހަ ހަދީޘް އެބަހުރި ކަމުގައެވެ.

"ނަމަވެސް ކާޕެޓް އަޅައި ، ފައިވާނުގައި ނުވަންނަ ތަނަކަށް ފައިވާނުގައި ވަދެގެން ނުވާނެ އެވެ." ޝައިޚް ޒައިދު ވިދާޅުވި އެވެ. ޝައިޚް ޒައިދު މިގޮތަށް ޓްވީޓް ކޮށްފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) މިސްކިތެއްގެ މިންބަރަށް ބޫޓާއެކު އަރާވަޑައިގެން ހުންނެވި ފޮޓޯއަކަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިބޫ ލ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ފުޅެއްގައި ލ.ހިތަދޫގައި ހުރި އާސާރީ މިސްކިތެއް ބައްލަވާލައްވަން ވަޑައިގެން ނަންގަވާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުން ނެވެ. އިބޫ އަށް ފާޑުކިޔާ މީހުން ބުނަމުންދަނީ، އެއީ މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ކޮށްފައިވާ ކަމެއްކަމަށާއި، ކިތަންމެ ގިނަ ދުވަހެއްވެފައި ހުރި މިސްކިތެއްނަމަވެސް އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށެވެ.

މިމައްސަލަޔާ ގުޅިގެން ލ.ހިތަދޫ ކައުންސިލުން ވަނީ ވަނީ އެކަން ކުށްވެރިކޮށް ، ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ. އެމިސްކިތަކީ އުވާލާފައިވާ މިސްކިތެއްކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މިމައްސަލަޔާ ގުޅިގެން ، ޓްވިޓަރ ގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަމާޒުކޮށް ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ، އެ މިސްކިތުގައި ކާޕެޓް އަޅާފައި ހުރި ނަމަ އިބޫ ކުރެއްވީ ކުށެއްކަމަށެވެ. " ނަމަވެސް ކާޕެޓް ނެތް ނަމަ ނުވަތަ މުށި ޖަހާފައި ފައިވާން ބާލާފައި ވަންނަ ގޮތަށް ޚާއްސަ ކުރެވިފައި ނުވާނަމަ އެއީ މައްސަލައެއް ނޫން. ފައިވާނާއެކު ނަމާދު ކުރުން ޞައްހަވެގެންވޭ." ޑރ.އިޔާޒު މިކަމާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް