އަޟްހާ އީދުގެ މުނާސަބަތުގައި ޕީސް ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ " ޕެބްލްސް ފެމިލީ ހަވީރު" މިއަދާ މާދަމާ ވިލިމާލެ ބޯޅަދަނޑުގައި އޮންނާނެކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ. އިސްލާމީ ހުދޫދުގެ ތެރެއިން އީދު ފާހަގަކުރުމުގެ ޕްލެޓް ފޯމެއް ކުދިންނަށް ހޯދައި ދިނުމަށް ބާއްވާ މި ހަވީރު އޮންނާނީ މިދެދުވަހުގެ ހަވީރު 4 ން 6 ށް ކަމަށް ޕީސް ފައުންޑޭޝަނުން ބުނެ އެވެ. މި ހަވީރުގައި އެމްއެންޑީއެފް އާއި ޕޮލިސް ގެ އިތުރުން މުހިއްޔުއްދީން ސްކޫލް އަދި ވިލިމާލޭ ޕްރީސްކޫލުން ބައިވެރިވާނެއެވެ.
މިހުރިހާ ފަރާތްތަކުގެ 15 ވަރަކަށް ސްޓޯލް މިހަވީރުގައި ހުންނާނެކަމަށާއި މީގެއިތުރުން ސްޓޭޖް ހަރަކާތްތައްވެސް ކުރިޔަށްދާނެކަމަށް އެ ފައުންޑޭޝަނުން " ދުވަސް" އާ މައުލޫމާތު ހިއްސާކުރައްވަމުން އަޚުތަރު ރަފީޢު ވިދާޅުވި އެވެ. އަޚުތަރު ވިދާޅުވި މިހަވީރުގައި މައިގަނޑު ކަމެއްގެ ގޮތުގައި ކުރިޔަށްދާނީ ހަވީރުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ދިނުން ކަމަށެވެ. " މިތަނަށް އަންނަ ކޮންމެ ކުއްޖަކަށް ހަދިޔާ ލިބޭ ގޮތަށް އޮންނާނީ. ބައިވެރިވުން އޮންނާނީ ހިލޭ. އޭގެއިތުރުން މިއިން ކޮންމެ ކުޅިވަރެއްގައި ބައިވެރިވެގެން ހަދިޔާ ލިބޭގޮތަށް ހަމަޖެހިފައި އޮންނާނީ. މިދިޔައަހަރުވެސް އަޅުގަނޑުމެން ގާތްގަޑަކަށް 9990 ހަދީޔާ ބެހިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިފަހަރުގެ ޓާގެޓަކީ ވެސް ހަމަ އެހާވަރަށް ހަދިޔާ ދިނުން. މިއަށް ވުރެ އިތުރު ކުރެވޭތޯ މިބަލަނީ" އަޚުތަރު ވިދާޅުވި އެވެ.
ސްޓޯލްތަކުގައި އެކިކަހަލަ ކުޅިވަރުތައް ކުރިޔަށް ދާނެކަމަށް އަޚުތަރު ވިދާޅުވި އެވެ. އެގޮތުން ގޯލްފް،ބާސްކެޓް،ބޯލިން،ނާރފް ގަން އާއި އެރޯ ޝޫޓިންގ އާއި ތުއްތު ކުދިންނަށް އަމާޒުކޮށްގެން ޕެއިންޓިންގ ފަދަ ކަންކަން ވެސް ކުރިޔަށް ދާނެކަމަށް އަޚުތަރު ވިދާޅުވި އެވެ. " ޔަންގްސްޓާރސްގެ ބައުންސާސްތައް، ގާތްގަޑަކަށް ފަސް ވަރަކަށް ބައުންސާސް އެބަހުރި، މީގެއިތުރުން އެމްއެންޑީއެފްގެ ވޯޓަރ ސްލައިޑް އާއި ފްލައިން ފޮކްސް އިންނާނެ. އެއީ މިދިޔަ އަހަރުވެސް ވަރަށް ތަރުޚީބު ލިބުނު ދޭއްޗެއް." އަޚުތަރު ވިދާޅުވި އެވެ.
މިއިވެންޓްގެ މެއިން ސްޕޮންސަރ އަކީ ހެޕީ މާކެޓްކަމަށާއި މީގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި ، ވެމްކޯ އާއި ސޮނީ ސްޕޯޓްސްގެ އެހީތެރިކަން މިއިވެންޓް ކުރިޔަށް ގެންދިޔުމަށް ލިބޭކަމަށް އަޚުތަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް