ކޮންކްރީޓް ޖަންގަލިވަންތަ ފުރަމާލެއަށްވުރެ ޖަޒީރާވަންތަ ދިވެހިރާއްޖެ ރަނގަޅީ ކީއްވެ؟

ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ގައުމެކެވެ. އެކުލެވިގެންވަނީ ގުދުރަތީ 26 އަތޮޅުގެ މައްޗަށެވެ. ވަށައިގެން ވަނީ ކަނޑެވެ. މުއްސަނދިކަމަކީ، ހުދު ދޮންވެލީގެ، ލާމަސީލު ގޮނޑުދޮށްތަކާއި ގުދުރަތީ ދިރުމުން އާޝޯހު...

22 Aug 2018 | 03:22

ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ގައުމެކެވެ. އެކުލެވިގެންވަނީ ގުދުރަތީ 26 އަތޮޅުގެ މައްޗަށެވެ. ވަށައިގެން ވަނީ ކަނޑެވެ. މުއްސަނދިކަމަކީ، ހުދު ދޮންވެލީގެ، ލާމަސީލު ގޮނޑުދޮށްތަކާއި ގުދުރަތީ ދިރުމުން އާޝޯހުކުރުވަނިވި މުރަކަތަކާއި މަސްމަހާމެއްސެވެ. ހިކިފަހުގައި، އެކަކު އަނެކަކަށް އެމުނިއެކުލެވިގެން، ދިރިއުޅެމުންދާ ސާދާ ދިވެހީންގެ ހިތްހެޔޮކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމެވެ. ދިވެހީންގެ ފަހުރަކީ މިއެވެ.

ތަރައްގީއަކީ މި ދިވެހި މީހާއަށް ވަމުންދާ ގޮތެކެވެ. އެއީ، އެމީހާގެ ދިރިއުޅުމުގެ ކަންކަން އެއް ހާލަތުން އަނެއް ހާލަތަށް އުފުލޭ އުފުލުމެވެ. ދިރިއުޅުމުގެ ހާލަތަށް އަންނަމުންދާ ބަދަލު މިނެކިރަނީ، ރާއްޖޭގެ ތަރައްގީކަމަށްބުނެ، ޖަޒީރާވަންތަ މި ދިވެހިރާއްޖޭގެ ވެރިރަށް ވަށައިގެން އުފުލެމުންދާ ކޮންކްރީޓް އިމާރާތްތަކުގެ އުސްމިނަކުން ނޫނެވެ. މުއްސަނދީންގެ ފްލެޓްތަކާއި ނިކަމެތީންގެ ޖީބުތައް ގުޅުވާލަދޭ ބްރިޖުތަކަކުން ނުމެނޫންމެއެވެ.

ހުރިހާ ދިވެހި ރައްޔިތުންދަނީ ދިވެހި ދައުލަތް ހިންގުމަށް ޖާމިނުވެ، ބަރާބަރަށް ޓެކްސް ދައްކަމުންނެވެ. އެ ފައިސާއިން ހޭދަކުރަނީ ފޫނެތް ފާޔަށް ފެންފުރަންކަމުގައި ހަދާކަށް އެ ރައްޔިތުން ނޭދެއެވެ. ލިބެންހުރި ބިންތައް އެކަހެރިކޮށް، ބިން ހިއްކުމުގެ މަޝްރޫއުތަކަށް މިލިޔަނުން ހޭދަކުރުމީ އެ ރައްޔިތުން އެދޭގޮތެއް ނޫނެވެ. ދަރަނިވެރި މި ރާއްޖޭގައި، އެއް ރުފިޔާއަށް ކުރެވެން ހުރި ކަންކަން ދެތިން ހަތަރު ރުފިޔާ ހޭދަކޮށްގެން ކުރުމީ އިސްރާފެއް ކަމުގައި މެނުވީ ދިވެހީން ނުދެކެއެވެ.

އަމުދުން، މަރުކަޒީ ސިޔާސަތުތަކުގެ ޝިކާރައަކަށްވެ، ތޮއްޖެހުމުގެ ވަބާގައިޖެހި، ކުލީ އަޅުންގެ ގޮތުގައި، އުމުރު ދުވަހު ގަނަތެޅޭކަށް ދިވެހީން ނުރުހެއެވެ. ދިވެހީން އެދެނީ، މާލެއާއި އަތޮޅުތަކުގެ ރީތި ރަށްތަކުގެ ޖަޒީރާވަންތަކަން ނަގާލުމެއް ނެތި، ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު އެއް ހާލަތުން އަނެއް ހާލަތަށް އުފުލުމަށެވެ. އެއީ، ކޮންކްރީޓް ޖަންގަލިވަންތަ ފުރަމާލެއެއް ހަދައި، އެތަނުގައި މުޅި ދިވެހި އާބާދީ ބަނދެގެން، އޮބިއަޅައިގެން، ހައްޔަރުކޮށްގެން، ކުރެވޭނެކަމެއް ނޫނެވެ. ތަފާތު ސަބަބުތަކަށްޓަކައެވެ.

ކޮންކްރީޓް އިމާރާތްތަކާއި، މީހުންނާއި އެއްގަމު އުޅަނދުން ތޮއްޖެހިފައިވާ މާލޭގައި، ސާފު ވައިރޯޅިއެއްގެ ބީހިލުމަކީ ހުވަފެނެކެވެ. ތާޒާ ވަޔަށް ނޭވާލުމަކީ މާޒީއެވެ. ކެންސަރު ޖެހޭ ދިވެހީންގެ އަދަދު އިތުރުވަމުން ދިއުމަކީ ފެންނަން އޮތް ހަގީގަތެކެވެ. ޖަޒީރާވަންތަ ދިވެހިރާއްޖޭގައި، ހަމަ ކޮންމެ ދިވެއްސަކީމެ، ހަމަނޭވާލައިގެން ދިރިދުނިޔެއުޅޭ ދިވެއްސެކެވެ. އެއީ، ހަމަހިމޭން ދުނިޔެއެއްގައި، ގުދުރަތީ ޗާލުކަމަށް ތައުރީފުކުރަމުން، ކަލާނގެ ކުޅަނދުންވަންތަކަމަށް ހެކިވަމުން، ދިވެހި ރުކުގެ ހިޔަލުގައި، އުދާސް މަދު ހަޔާތެއް ވޭތިކުރާ މީހެކެވެ.

ކޮންކްރީޓް ހަޔާތަކީ ދަރަނިވެރިކަމުގެ ބުރެކެވެ. އުފަންވާނީ ކޮތަރުކޮށްޓަކަށެވެ. ކިޔަވާނީ ވަޒީފާ ހޯދާށެވެ. ވަޒީފާ ހޯދާނީ ގެދޮރަށް ކުލި ނުވަތަ ލޯނު ދައްކާށެވެ. ކުލިދައްކާނީ، ވަޒީފާއަށް ދާށެވެ. އުޅެންޖެހޭނީ މުޖުތަމައުއިން ކަނޑައަޅާ ދިރިއުޅުމެވެ. އެއީ، އިންތިހާއަށް ހަރަދުބޮޑު ދިރިއުޅުމެކެވެ. ދެކޮޅުނުޖެހޭ ދިރިއުޅުމެކެވެ. އެއީ، ދަރަނިވެރި ދިރިއުޅުމެކެވެ. އެޔާ ހިލާފަށް، ޖަޒީރާވަންތަ ދިރިއުޅުމަކީ ތިމާގެ އަމިއްލަ ހަލާލު މަސައްކަތުން، ތިމާގެ އަމިއްލަ ދިރިއުޅުން ބައްޓަންކުރަމުން، އުފާވެރިކަން އިތުރުކުރަމުން، ދޭދޭގުޅުން ބަދެހިކުރަމުން، ކުޅިވަރުކުޅެމުން، ކަސްރަތުކުރަމުން، ސިއްހަތަށް ބަލަމުން، އެންމެން އެމުނިއެކުލެވިގެން އުޅޭ، ހާސްކަން ކުޑަ ދިރިއުޅުމެކެވެ.

ތޮއްޖެއްސުމުގެ އަނިޔާއަކީ ގުނާ އަދަދުކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ނުދަންނަ، ނުފަރިތަ، ނޭނގޭ، ނުގުޅޭ، ނުނިޔަތްލާ ބައެއް ފަރާތްތަކުގެ ހަންޖަރުތައް ތިމާގެ ބުރަކަށްޓަށް އަމާޒުވުމަކީ އާންމު ކަމެކެވެ. މާލޭގެ ބިމަށް ނުކުޅަދާނަވެފައިވާތީ، ހުއްދަކުރާ ތަނެއްގައި ސައިކަލު ބަހައްޓާނެ ޖާގައެއް ނެތުމުގެ ސަބަބުން، ހުއްދަނޫން ތަނެއްގައި ސައިކަލު ބަހައްޓައިފިނަމަ، ސައިކަލުގެ މަޑީގައި އެޖަހާ އިސްޓިކާއަކީވެސް، ތިމާގެ ބުރަކަށްޓަށް ހަރާލެވޭ ފުން ހަންޖަރެކެވެ. ޖަޒީރާ ދިވެހިރާއްޖެ ބަރޯސާވާނީ ކާރޫބާރޫ ބޮޑު އެއް ރަށުގެ މައްޗަކަށް ނޫނެވެ. އަސާސަކީ ސަރަހައްދީ ތަރައްގީއެވެ. ސިޔާސަތަކީ ރާއްޖޭގެ އިތުރާއި ދެކުނުގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމެވެ. އެއީ، ސިޓީ ލައިފްގެ ހިދުމަތްތައް އެކުލެވޭ، ޖަޒީރާވަންތަ މަރުކަޒުތަކެކެވެ. ވަގުތާއި ހާލަތާއި އެކުގައި، އެ މަރުކަޒުތަކުގެ އަދަދު ދާނީ އިތުރުވަމުންނެވެ. ނަތީޖާއަކީ، ތޮއްޖެހުން ކުޑަވެ، ދެކެފަރިތަކަން އިތުރުވެ، އިޖުތިމާއީ މައްސަލަތައް މަދުވެ، ނަފުސާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވުމެވެ.

ދިވެހިރާއްޖޭގެ ފުޅާމިނަކީ "ގްރޭޓާ މާލެ" ކިޔާ ސަރަހައްދެއްކަމުގައި ހެދުމަށް ފާޅުގައި ބައެއް ފަރާތްތަކުން ވިސްނަމުން ދިއުމަކީ ހިތާމަހުރިކަމެކެވެ. އެއީ، އަންނަ އޮތް ބަލިމަޑުކަމެކެވެ. ބޮޑުވެގެންވާ ފިތުނަފަސާދައެކެވެ. އެއްބައިވަންތަ ދިވެހިރާއްޖޭގައި، ދެބައިވަންތަކަމުގެ އޮށް އިންދާ ހެއްދުމަށް ހިންގޭ ނުރައްކާތެރި ޖަރީމާއެކެވެ. ކޮންކްރީޓް ފުރަމާލެއަކީ، މަދު އަދަދެއްގެ މުއްސަނދީންގެ ބޭންކް އެކައުންޓުތައް ފުރާލުމަށްޓަކައި، އާންމު ދިވެހީންގެ ޖީބުތައް ފޫވައްޓައިލުމަށް ޖެހޭ ދަންތުރައެކެވެ.

ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ގުދުރަތީ 26 އަތޮޅުގައި ދިވެހީން ފަތުރުއްވަވައި، މި ރަށްރަށަކީ އުފާފާގަތި ރަށްރަށުގެ ގޮތުގައި މާތް ﷲ ލެއްވިކަމީ ދެކޮޅުހެދެން ނެތް ހަގީގަތެކެވެ. އެހެންކަމުން، ތަބީއަތާ ހިލާފަށް އުޅުމެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް