ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން މޮރިޝަސް އަށް ވަޑައިގަތީ މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ އެޤައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަދި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން އެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން، އައި.އޯ.އައި.ޖީ.ގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި، ރައީސްގެ ދެކަނބަލުން ވަނީ ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.
މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާޞިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާޞިލުކޮށްފައެވެ.
އައި.އޯ.އައި.ޖީ ގައި ރާއްޖެ ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި، ވޮލީބޯޅަ، ފުޓްބޯޅަ އަދި، އެތްލެޓިކްސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް