ތްރިލިސްޓް: އުންމީދުން ފުރިފައިވާ ޒުވާނެއް!

ފޮޓޯއެއް ނެގުމަށް އެންމެ ބޭނުންތެރި އެއްޗަކީ ކެމެރާ އެކެވެ. އެތައް ހާސް ފޮލޯވަރުންނާއި އެކު އިންސްޓަގްރާމް ޕޭޖެއް ހިންގުމަށް އެންމެ މުހިންމު އެއްޗަކީ ރީތި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ނަގަން ކޮލިޓީ ކެމެރ...

22 Jul 2019 | 10:31

ފޮޓޯއެއް ނެގުމަށް އެންމެ ބޭނުންތެރި އެއްޗަކީ ކެމެރާ އެކެވެ. އެތައް ހާސް ފޮލޯވަރުންނާއި އެކު އިންސްޓަގްރާމް ޕޭޖެއް ހިންގުމަށް އެންމެ މުހިންމު އެއްޗަކީ ރީތި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ނަގަން ކޮލިޓީ ކެމެރާއެއް ބޭނުންވެއެވެ. އަމިއްލަ ކެމެރާއެއް ނެތް ނަމަވެސް، "ތްރިލިސްޓް.މޯލްޑިވްސް"ގެ އިންސްޓަގްރާމް ޕޭޖް ވަރަށް ވެސް ސަޅި އެވެ. އެގާރަ ހާސް ފޮލޯވަރުންނަކީ ވެސް މަދު ބައެއް ނޫނެވެ.

"ތްރިލިސްޓް.މޯލްޑިވްސް"ގެ ފަހަތުގައި ވަނީ ގދ.ތިނަދޫ އަށް އުފަން އުމުރުން އެންމެ 17 އަހަރުގެ، އިބްރާހިމް މައިޝަމް މުހައްމަދެވެ. އުމުރުން 14 އަހަރުން ފެށިގެން މައިޝަމް ފޮޓޯ ނަގަމުން އަންނައިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އަމިއްލަ ކެމެރާއެއް ނެތުމެވެ. ނަމަވެސް އެކަމުން ކުރަން ބޭނުންވާ ކަމެއް ނުހުއްޓޭނެ ކަމަށް މައިޝަމް ބުނެއެވެ.

އެންމެ ކުޑައިރުއްސުރެ ޕައިލޮޓަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މައިޝަމް، ފޮޓޯ ނެގުމަށް ޝައުގުވެރިވީ ސުކޫލު ދައުރުގައެވެ. ސްކައުޓް އެކްޓިވިޓީގެ "ފޮޓޯގްރަފީ" ބެޖް ހަދަން ކެމެރާއެއްގައި އަތްލިގޮތަށް އަދިވެސް އުޅެނީ އަތްދޫކޮށްނުލެވިގެންނެވެ. މައިޝަމް ބުނާގޮތުގައި އަތްދޫކޮށްލާކަށް ބޭނުމެއްވެސް ނޫނެވެ. މިއީ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ.

އެންމެ ފުރަތަމަ މައިޝަމް ނަގާ އުޅުނީ ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯތަކެވެ. ރަގަޅަށް ފޮޓޯ ނަގަން ދަސްވުމުން މިހާރު އުޑުމަތިން ތަރިތަކުގެ ފޮޓޯ ވެސް ނަގާލެވޭކަމަށް އުފަލާއި އެކީ މައިޝަމް ބުންޏެވެ.

ފޮޓޯގްރަފީގެ ދާއިރާ އަކީ ވަރަށް އާމްދަނީ ލިބޭ ދާއިރާއެކެވެ. އެކަން މައިޝަމް ވެސް ފާހަގަކުރިއެވެ. ނަމަވެސް މިފަހަކަށް އައިސް ރާއްޖޭގައި ފޮޓޯގްރަފަރުން މިވަނީ ވަރަށް ގިނަވެފައެވެ. އެހެންކަމުން މިކަމަށް އޮންނަ ޑިމާންޑް ދަށް ކަމަށް މައިޝަމް ފާހަގަކުރިއެވެ. ރަށުގައި ހުރެގެން މި މަސައްކަތް ކުރަން އެހާ ރަގަޅު ނޫން ކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގައި މިމަސައްކަތުން ރަގަޅު އާމްދަނީއެއް ލިބޭކަމަށް މައިޝަމް ބުންޏެވެ. ރަށުގައި ނަމަ ޝޫޓް ލިބޭވަރުވެސް މަދު ކަމަށް މައިޝަމް ފާހަގަކުރިއެވެ. ނަމަވެސް އަމިއްލަ ޕްރޮމޯޝަނަށް މޮޑެލްސް ހޯދަން އެހާ އުނދަގޫ ނޫން ކަމަށް މައިޝަމް ފާހަގަކުރިއެވެ.

"މި މަސައްކަތް ކުރަން އެންމެ ދަތިވަނީ އަމިއްލަ ކެމެރާ އެއް ނެތީމަ. ފްރެންޑެއްގެ ކެމެރާ ބޮރޯ ކޮށްގެން ފޮޓޯ ނަގަނީ. އަމަންގެ ކެމެރާ އެއީ. އަމަން ނެތް ނަމަ މިހާ ހިސާބަކަށް ނާދެވޭނެ. އަމަން އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ" މައިޝަމް ބުންޏެވެ.

މައިޝަމް ބޭނުންވަނީ މިދާއިރާއިން ދެވެން އޮތް އެންމެ ދުރަކަށް ވާސިލްވާށެވެ. ވަރަށް މޮޅު ފޮޓޯގްރަފަރަކަށް ވާށެވެ. މައިޝަމްގެ ރޯލްމޮޑެލް އަކީ ބްރެންޑޮން ވޮލްފެލް އެވެ. މައިޝަމް ބޭނުންވަނީ ބްރެންޑޮން ކަހަލަ މޮޅު ފޮޓޯގްރަފަރަކަށް ވާށެވެ.

"ފޮޓޯގްރަފާސް އަށް ބުނެލަން ބޭނުންވަނީ ކޮންމެހެން އަގުބޮޑު ކެމެރާއެއް ބޭނުމެއް ނުވެޔޭ ރީތި ފޮޓޯ ނަގާކަށް. ކޮންމެ ކެމެރާ އަކުންވެސް ޓެލެންޓް ހުރިއްޔާ ރީތި ފޮޓޯ ނެގޭނެއޭ. މީ ވެސް ޓެލެންޓެއް." ނިންމާލަމުން މައިޝަމް ބުންޏެވެ.

"ތްރިލިސްޓް.މޯލްޑިވްސް" އަށް ދުވަސް ޓީމުގެ ފަރާތުން ކާމިޔާބީ އަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް