ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ގުޅިފައިވާ އިދިކޮޅު ކޯލީޝަނަށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޝުޖާޢު ހުސެއިން ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުން ހަދާފައިވާ ކޯލީޝަނަށް ފާޑުވިދާޅުވަމުން ޝުޖާޢު ވިދާޅުވީ އެ ކޯލިޝަނަކީ މަދު ބައެއްގެ އަމިއްލަ ސިޔާސީ ހައިހޫނުކަމަށް ފަރުވާއެއް ހޯދުމަށް އުފެއްދިފައިވާ ކޯލީޝަނެއް ކަމަށެވެ. އެ ކޯލީޝަނުން ރައްޔިތުންނަށް ކޮށްދޭންބުނާ ކަންކަން އެއީ މުސްތަހީލުކަންކަން ކަމަށެވެ. އެގޮތުން 17 ނޮވެމްބަރުގައި ރައީސްކަމާއި ހަވާލުވުމަށްފަހު ހަމަ އެދުވަހު ކުށްވެރިން މިނިވަންކުރައްވާނެކަމަށް އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމާއި، އިދިކޮޅުން ރިޔާސީ އިންތިހާބު ބާއްވާނީ މުޅި މއިލެކްޝަންސް ކޮމިޝަން ބަދަލުކުރުމަށްފަހު ކަމަށްބުނާ ބުނުން ޝުޖާޢު ފާހަގަކުރެއްވި އެވެ.
ޝުޖާޢު ވިދާޅުވީ ކޯލިޝަން ނިޒާމަކީ ރާއްޖޭގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް އަދި ބާރެއް ލިބޭ ކަމެއް ނޫންކަމަށެވެ.
"މި ދައްކަނީ ރައީސް ޔާމީން ގާނޫނުއަސާސީގެ ބޭރުން ކަންކަން ކުރާ ވާހަކަ، އަނެއްކޮޅުން މިދައްކަނީ ފުރަތަމަ ދުވަހުވެސް ނިޒާމު ފުނޑުފުނޑުކޮށްލާ ވާހަކަ... ދެއުޅިއެއްނުވޭނޫންތޯ؟ " ޝުޖާޢު ސުވާލު އުފެއްދެވި އެވެ.
ޝުޖާޢު ވިދާޅުވީ ރައީސް ޔާމީނަކީ ސުޕްރީމްކޯޓުގެ ފުރާޅުގެ ޓިނު ނެންގެވި ކަމަށް ބުނާ ބޭފުޅެއް ކަމަށާއި، ދެންތިބީ އެކޯޓުގައި ތަޅު އަޅުވައިގެން ޗާޓުން ބޭރުން މަދަނީން ހައްޔަރުކުރަން މިލިޓަރީ ޓޭންކަރު ފޮނުވި ބައެއް ކަމަށެވެ.
"ރައީސް ޔާމީނަށް އަލުން ވެރިކަން ދިނުމަކީ މޮޔައަކަށް ތޫނު ކަނޑިއެއް ދިނުން، ދެންތިބީ ކޭކުފެޅުމުން ލިބޭވަރު މަދުވެގެން ބޮޑާހާކައި އެކަކު އަނެކަކުގެ ކަރުގައި ހިފާފައި އަނގަވަތަށް ވައްޓާލާނެކަމުގެ ރެކޯޑު އޮތް ބައެއް، މިއީ ޓެސްޓެޑް އަދި ފެއިލްޑް ފޯމިއުލާތަކެއް" ޝުޖާޢު ވިދާޅުވި އެވެ.
ޝުޖާޢު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި ސިޔާސީ ހިކުމަތްތެރިކަމެއް ނެތްކަމަށާއި، އެކަން ފެބްރުއަރީ އެއްވަނަދުވަހު ސާބިތުވެފައިވާކަމަށެވެ.
"ރައީސް ޔާމީން ސިޔާސީ ގޮތުން ކުޑަކަކުލަށް ތިރިކުރުމުންވެސް ގޭމް ނިންމާކަށް ނޭނގުނެއްނޫންތޯ؟" ޝުޖާޢު ވިދާޅުވި އެވެ. ޝުޖާއު އެ އިސާރާތްކުރެއްވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއި އަދި އެއާއިގުޅިގެން ހިނގާދިޔަ ކަންކަމަށްކަމުގައި ބެލެވެ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެކަމަށާއި އޭނާގެ ނަން ވޯޓުކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އަދި ރައްޔިތުން މިފަހަރު ހަގީގީ ބަދަލަކަށް އޭނާއަށް ވޯޓުދެއްވުމަށް އެދިލައްވާކަމުގައިވެސް ޝުޖާޢު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް