ކޮންމެ ކަމެއްގައި ވަކި ހަމައަކާއި ލަމައެއް އޮންނާނެ އެވެ. ހަމަ އެ ފަދައިން ހިކެން ކުރާ މަސައްކަތުގައިވެސް ވަކި ހައްދެއް އޮންނަންވާނެ އެވެ. ތާކުން ހަމަ ޑައިޓެއް ފެންނައިރަށް އެ ޑައިޓެއް ބޭނުންކޮށް ތާކުން މޮޅު ބޭހެއް އިސްތިހާރުކޮށްލާއިރު އެ ބޭހެއް ބޭނުންކޮށް މިހެން ކަންތައް ކުރާނަމަ ފަހުން ދިމާވެދާނެ ނުރައްކާ މާ ބޮޑުކަން ވިސްނައިލެވެނީ އަހަރެމެންގެ ތެރެއިން ކިތަށް މީހުންނަށް ތޯ އެވެ.؟
އަވަހަށް ހިކުމުގެ ބޭނުމުގައި ޖޫހުން ފޯކޮށްފައި ހުންނަ ކަފަ ގުޅަ ކައި އުޅޭ ވާހަކަ އަޑު އަހަމުހެއްޔެވެ.
މިއީ ބަޔަކު ބުނާ ގޮތުގައި ވަރަށް އަވަހަށް ހަށިގަނޑު ހިއްކާލާ ގޮތެކެވެ. ނަމަވެސް މިކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް މިކަމުގެ ނުރައްކާ އަންހެން ކަނބަލުންނަށް ބޮޑެވެ. ދިރާސާތަކުން ދައްކާފައިވާގޮތުގައި މިގޮތަށް އަމަލު ކުރުމުން ކަނބަލުން މައްސަރު ކަންތަކުގައި މައްސަލަ ދިމާވެ އެވެ.
ޓޭމް ވޯމް ޑައިޓަކީވެސް އެހާމެ ނުރައްކާތެރި ޑައިޓެކެވެ. މި ޑައިޓް ކުރާ މީހުން ޓޭޕްވޯމް ބިހެއް ލާފައި އޮންނަ ބޭސްގުޅައެއް ނުވަތަ ދެތިން ގުޅައެއް ކާލަ އެވެ. އަދި އެ ބޭސްގުޅައިގާވާ ޓޭޕް ވޯމް ބިސް ޓޭޕްވޯމަކަށް ބަދަލުވެ އިންސާނާ ކައި ބޮއެހަދާ ތަކެތި އެ ވޯމްތައް ކެއުމުން އަވަހަށް ހިކޭގޮތްވާކަމަށް ބުނެ އެވެ. އަދި ވަކިވަރަކަށްވުރެ ޓޭޕްވޯމް ބޮޑުވުމުން ބޮޑުކަމުދާތަކެއްޗާއެކު ޓޭޕްވޯމް ބޭރަށް ނިކުންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއް ނުރައްކަލަކީ ޓޭޕްވޯމްގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި އިތުރު ޖަރާސީމުތައް އުފެދޭ ކަމެވެ. އަނެއް ކަމަކީ ޓޭޕްވޯމް ބޮޑުވެ ބައެއް ހާލަތްތަކުގައި ހަށިގަނޑުން އެ ބޭރު ނުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާކަމެވެ.
ކެޓޯޖީނިކް ޑައިޓަކީވެސް އެހާ ރަނގަޅު ޑައިޓެއް ނޫން
ކެޓޯޖީނިކް ޑައިޓް ނުވަތަ ކެޓޯ ޑައިޓަކީ މަޝްހޫރު ތަރިންގެ މެދުގައި މާ މަގުބޫލު ވައްތަރެއްގެ ޑައިޓެކެވެ. މި ޑައިޓަކީ 10 ވަރަކަށް ދުވަހުން ބަރުދަން ލުއިކޮށްދޭ ޑައިޓެކެވެ. ނަމަވެސް ދިރާސާތަކުން ދައްކަފައިވާގޮތުގައި ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކުއްލިއަކަށް ލުއިކޮށްލާ ބަރުދަން ހަމަ އެހާމަ އަވަހަށް ބަރުކޮށްލާކަމަށްވެސް ދިރާސާތަކުން ދައްކާފައި ވެ އެވެ.
މީގެ އިތުރުންވެސް ބޭބީ ފުޑް ޑައިޓް ޕްލޭނާއި ޑިޓޮކްސް ޑައިޓް ޕްލޭން ތަކަކީ އޭގެ ވަގުތީ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް ގިނަ ދުވަސް ވާވަރަކަށް ގެއްލުންތަކާއި ކުރިމަތިކުރުވާ ޒާތްޒާތުގެ ޑައިޓްތައް ކަމުގައި ނިއުޓްރީޝަނިސްޓުން ބުނެ އެވެ.
ތަޖުރިބާކާރުން އިއްތިފާގުވާގޮތުގައި ހިކެން އެންމެ ރަނގަޅު ގޮތަކީ ކެވޭ މިންވަރު ދަނެ އެކަން ކޮންޓްރޯލްކޮށް އަދި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅެގެން ކެލޮރީ މަދު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް