ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗުގައި ބޭއްވުމަށް ތައްޔާރުވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ. މިއަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ކައުންސި...

22 Jun 2020 | 05:24

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

މިއަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ކައުންސިލް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ކޯވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުންނެވެ. އިންތިހާބު އަލުން ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ދަންމާލާފައި އެވެ.

ރޭ ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ މާޗް މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވޭވަރު ވާނެކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިހާތަނަށް ރަސްމީކޮށް އެފަދަ މަޝްވަރާއެއް އެއްވެސް ފަރާތަކާއި އެކު ނުކުރާ ކަމަށާއި، މަޝްވަރާ ކުރެވުނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ކަމަށް ޝަރީފު ވިދާޅުވި އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅިފައި ނުވި ނަމަވެސް، ގާނޫނުގައި ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނެކަމުގެ ޔަގީންކަން ޝަރީފް ރޭ ދެއްވި އެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވާގޮތުގައި އަންނަ އަހަރުގެ މެއި ނުވަ ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ވާނެ އެވެ.

އިންތިހާބު ފަސްކުރަން ނިންމީ ކައުންސިލް އިންތިހާބަށް ވާއްޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވަނިކޮށެވެ. އެހެންވެ އަލުން އިންތިހާބު ބާއްވާއިރު އިތުރު ބަޖެޓެއް ބޭނުން ނުވާއިރު ވާދަކުރާނީ މިހާރު ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާފައިވާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް