ޖަލުގައި ގައިދީންތަކަކަށް އަނިޔާ ކުރުމުން ދައްކުވައިދެނީ ވައުދު ފުއްދުމުގައި މި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން ކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ޖަލުގައި ހިނގި ކަންކަން ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ތެރެއިން އަނިޔާއާއި ދެކޮޅަށް އަޑު އުފުލާ އަނިޔާ ނުދޭނެކަމަށް ވައުދުވެ އައި ސަރުކާރަކަށްވެފައި، މިފަދަ ކަންކަން ހިންގުމަކީ މި ސަރުކާރުގައި ވައުދު ފުއްދުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތްކަން އަންގައިދޭ ކަމެކެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މި ޖޫން މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލުގައި ތިބި ގައިދީންނަށް ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށާއި އެގޮތުން ޖަލުގައި ތިބި ބައެއް ގައިދީންގެ ބޯ ބާލައި، އެމީހުންގެ ގައިގައި މުގުރުބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕަރ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވެއެވެ. މިކަމަކީ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ ރޫހާއި ހިލާފަށް ގައިދީންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުން ކަމާއި، ގާނޫނު ނަމްބަރު 2013/14، ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ހިންގާފައިވާ އަނިޔާވެރި އަމަލެއްކަން އެ ޕާޓީން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން ކޮންގްރެސް ޕާޓީގެ ފަރާތުން މި އަނިޔާވެރި ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ބުނެފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް މިފަދަ ލާއިންސާނީ އަނިޔާ ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ފާހަގަކޮށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ޖަލުގައި ހިންގި ލާއިންސާނީ އަނިޔާތަކަށްފަހު މި ސަރުކާރުން އެކަން ފޮރުވާ އޮއްބާލުމަށްވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ޖަލުގައި ތިބި ގައިދީންނަށް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިއްމާއަކަށް ވީހިނދު، އެ ފަރާތްތަކުން ވަނީ ޒިއްމާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގައިވެސް ބުނެފައިވެއެވެ. އަދި ޖަލުގެ ކަންކަން އިސްލާހު ނުވާކަމަށް ވިދާޅުވެ، މީޑިއާތަކުގައި މިކަން ދިފާއުކޮށް ވާހަކަފުޅު ދައްކަވަމުންދާއިރު، މި ލާއިންސާނީ އަމަލު ހިންގާފައިވަނީ ހިނގަމުންމިދާ ވެރިކަމުގައި ކަމާއި ޖަލުތަކުގެ ކަންކަން އިސްލާހު ކުރުމަށް މި ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކުރާ ކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާކަންވެސް ފާހަގަކުރާކަމުގައި އެ ޕާޓީން ބުނެފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިކަމާ ގުޅޭ މިނިވަން ތަހުގީގެއް ހިންގައި، އެ ފަރާތްތައް ޖަވާބުދާރީކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާކަމަށާއި ޖަލުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާބެހޭ މައުލޫމާތުތައް އެއްވެސް އޮޅުވާލުމެއް ނެތި ރައްޔިތުންނަށް ހިއްސާ ކުރުމަށާއި، ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަށްވެސް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް