ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓަރަރ ކަމަށް ފާރިޝް އައްޔަންކުރުމުގައި މައްސަލައެއް ނެތްކަމަށް އޭސީސީންވެސް ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމަށް އަލްއުސްތާޛު މޫސާ ފާރިޝް އަޙްމަދު އައްޔަންކުރުމުގައި ޕްރޮސީޖަރގައި އެއްވެސް ގޯހެއް ނެތްކަމަށާއި، އަދި މިމައްސަލައިގައި ކޮރަޕްޝަނުގެ އަމަލެ...

22 Jun 2019 | 12:41

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމަށް އަލްއުސްތާޛު މޫސާ ފާރިޝް އަޙްމަދު އައްޔަންކުރުމުގައި ޕްރޮސީޖަރގައި އެއްވެސް ގޯހެއް ނެތްކަމަށާއި، އަދި މިމައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އޭސީސީން މިގޮތަށް ނިންމިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމަށް ފާރިޝް އައްޔަންކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް މީގެކުރިން ނިންމާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިގޮތަށް ނިންމަވާފައިވަނީ އެސިސްޓެންޓް ރަޖިސްޓްރަރ އައްޔަންކުރުމުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށްބުނެ ފާރިޝް މަގާމުން ވަކިކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމެވުމާއި ގުޅިގެންނެވެ. އެސިސްޓެންޓް ރަޖިސްޓްރަރ އައްޔަންކުރުމުގައި މައްސަލައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމެވި ކަމުގައި ވީނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް އިޚްތިރާމްކުރުމުގެ ގޮތުންކަމަށް ވިދާޅުވެ ފާރިޝް ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ފާރިޝް ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވަނީ ބެޗްލަރ އޮފް ލޯ އިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. މާސްޓަސް ފުރިހަމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ސިޓީ ޔުނިވަރިސިޓީ އޮފް ލަންޑަނުން މާސްޓަރ އޮފް ލޯސް އިން އިންޓަރނޭޝަނަލް ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ. މަހާތުމާ ގާނދީ އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ އަދި މާގަރަޓް ތެޗަރ ފަދަ ބޭބޭފުޅުން ޤާނޫނީ ދާއިރާއިން ކިޔަވައި ވަޑައިގެންނެވި ސިޓީ ލޯ ސުކޫލުގެ މާސްޓަރ އޮފް ލޯސް ކޯހުން ފާރިޝް ވަނީ ދެވަނަ ހޯދާފައެވެ. އަދި މީގެއިތުރުން ތިން މޮޑިއުލްއަކުން އެއްވަނަ ހޯދުމުގެ ސަބަބުން، ސިޓީ ލޯ ސުކޫލް އެވޯޑް ފޯ މަނީ ލޯންޑަރިންގ އާއި ސިޓީ ލޯ ސުކޫލް އެވޯޑް ފޯރ އިންޓަރނޭޝަނަލް ބޭންކިންގ ލޯ އަދި އިނގިރޭސިވިލާތުގެ މަޝްހޫރު އެވަރޝެޑްސް-ސަދަލޭންޑު ލޯފާމުން ދޭ އެވަރޝެޑްސް-ސަދަލޭންޑް އެވޯޑް ފޯރ އިންޓަރނޭޝަނަލް އިންވެސްޓްމަންޓް ލޯވެސް ފާރިޝް ވަނީ ހޯއްދަވާފައެވެ.

މީގެއިތުރުން، ފާރިޝް ވަނީ އިނގިރޭސިވިލާތުގެ އޭ.ޑީ.އާރު- އޯ.ޑީ.އާރު އިންޓަރނޭޝަނަލްގެ ސެޓިފައިޑް ސިވިލް އަދި ކޮމާޝަލް މީޑީއޭޓަރ ކޯސް ފުރިހަމަކުރައްވާފައެވެ. މިހާރު ފާރިޝް އަކީ އޭ.ޑީ.އާރު- އޯ.ޑީ.އާރު އިންޓަރނޭޝަނަލްގެ ސެޓިފައިޑް ސިވިލް އަދި ކޮމާޝަލް މީޑިއޭޓަރެކެވެ. ފާރިޝް ކުރިންވަނީ މަޝްހޫރު ލޯފާމް މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސްގައި ޤާނޫނީ ވަކީލުކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ލީގަލް އޮފިސަރގެ މަގާމާއި، އަދި އިތުރު ބައެއް ލޯފާމްތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައެވެ. މީގެއިތުރުން، ފާރިޝް މިހާރުވެސް ގެންދަވަނީ ވިލާކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ވިޒިޓިންގ ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް