ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރް މިހެން ވިދާޅުވެފައިވަނީ ޝައިޚްގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައެވެ.
އެ ސްޓޭޓަސްގައި ޝައިޚް ވިދާޅުވެފައިވަނީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން، ”އިރުކަލާނގެ“ އާ ގުޅޭ އަޅުކަމެއްކަމަށާއި އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެ ގޮތުގައި 21 ޖޫން ފާހަގަ ކުރަނީ، 21 ޖޫން އަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެ ގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސް ކަމަށް ވާތީކަމަށެވެ.
”ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް .ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމުގެ ތެރެއިން، ”އިރުކަލާނގެ“ އާގުޅޭ އަޅުކަމެއް .އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެގޮތުގައި 21 ޖޫން ފާހަގަކުރަނީ، 21 ޖޫންއަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސްކަމަށް ވާތީއެވެ. އަދި އިރަށް ކުރިމަތިލުމާއި އިރާ ގުޅުންހުރި ޢިބާރާތްތަކާއި ސިންބަލްތައް މިކަމުގައި ބޭނުން ކުރެވެނީ މިހެންވެގެނެވެ. ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އާ ޝަރީކަ ކުރުމެވެ. ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާ ދުރުވާންޖެހޭ ފާފައެވެ. އެހެނީ ޝިރުކުގެ ފާފައަކީ އެ ފާފައެއްގެ ސަބަބުން އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވެގެން ދާނެ އަދި އެފާފައިގެ މަތީގައި މަރުވެއްޖެނަމަ ދުވަހަކުވެސް ނުފުއްސަވާނެ ހަމައެކަނި ފާފައެވެ" ޝައިޚްގެ އެ ސްޓޭޓަސްގައި ވިދާޅުވެފައިވެއެވެ.
އެ ސްޓޭޓަސްގައި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ ޔޯގާގައި ހިންދޫން ކިޔާ ބައެއް ތަކެތި ދޫކޮށްލުމަކީ އޭގެ ވައްޓަފާޅިއަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށާއި މުސްލިމުންގެ ތެރެއަށް މިކަން ފާޅުވި ހިސާބުން ފެށިގެން އެކި ޤައުމުތަކުގެ ޢިލްމުވެރިންވަނީ މިކަމުގައި ބައިވެރިވުން ހުއްދަ ނުވާނެކަން ބަޔާން ކުރައްވާފައިވާކަމަށެވެ.
"ވީމާ މިފަދަ ކަންކަމުން ދުރުވުމަށް އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަމެވެ." ޝައިޚް ވިދާޅުވެފައިވެއެވެ.
ޔޯގާގެ އަސްލާ ގުޅުމެއް ނެތް، މުޅިން ތަފާތު އެހެން ކަސްރަތުތަކެއް، އަޅުކަމުގެ ރޫޙާނީ ވައްޓަފާޅިއެއް ނެތި ކުރުމަކީ ޔޯގާއެއް ނޫން ކަމުގައިވެސް ޝައިޚް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް