އިތުރު ވަގުތު ޖެހި ދެ ލަނޑާއެކު ބްރެޒިލް މޮޅުވިއިރު ކޮސްޓަރިކާ ކަޓައިިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި މިރޭ ކޮސްޓަރިކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި ކުޓީނިއޯ އާއި ނޭމާ ޖެހި ދެ ލަނޑާއެކު ބްރެޒިލް މޮޅު ވެއްޖެއެވެ. މި މޮޅާއެކު 4 ޕޮއިންޓް ...

22 Jun 2018 | 15:01

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި މިރޭ ކޮސްޓަރިކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި ކުޓީނިއޯ އާއި ނޭމާ ޖެހި ދެ ލަނޑާއެކު ބްރެޒިލް މޮޅު ވެއްޖެއެވެ.

މި މޮޅާއެކު 4 ޕޮއިންޓް ހަމަކޮށް ބްރެޒިލް ވަނީ ގްރޫޕްގެ އެއް ވަނައަށް ޖެހިލާފައެވެ. މި ގްރޫޕްގައި މިރޭ ސާބިއާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން ސާބިއާ މޮޅުވެއްޖެނަމަ އެ ޓީމަށް އަނެއްކާ ވެސް އެއް ވަނަ ލިބޭނެއެވެ.

ފުރަތަމަ މެޗުން 1-1 އިން ސްވިޒަލޭންޑާ އެއްވަރުވުމުން މޮޅަކަށް ބޭނުންވެފައި އޮތް ބްރެޒިލްއަށް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. އެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނުއިރު، ކޮސްޓަރިކާ އިން ކައުންޓާ އެޓޭކްގައި ލިބުނު މަދު ފުރުސަތުތަކެއްގައި ބްރެޒިލްއަށް ނުރައްކާ ކުރިއެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް ބްރެޒިލް އިން މޮޅަށް ކުޅެމުން ދިޔައިރު، އެ ޓީމުގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކޮސްޓަރިކާގެ ގޯލްކީޕަރ ކޭލާ ނާވަސް އެވެ. އަދި ޖީސަސް ފޮނުވާލި ހަމަލައެއް ގޯލު މަތީ ދަނޑިއަށް ވެސް އަމާޒުވިއެވެ.

ކޮސްޓަރިކާގެ ގޮންޒަލޭޒް ނޭމާއަށް ފައުލް ކުރިކަމަށް ނިންމާ 78 ވަނަ މިނިޓުގައި ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެހެނަސް، ވީއޭއާރ ރިވިޔުއަށް ފަހު ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.

މެޗުގެ 90 މިނިޓު ހަމަވެ އިތުރު ވަގުތު 6 މިނިޓު ދެއްކިއިރު، ބްރެޒިލްއިން ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ލީޑު ނަގާފައެވެ. މާސެލޯ ނަގައިދިން ހުރަހެއް ފިރްމީނޯ މަތަކުރުމުން، ޖީސަސް ޖަހަން އުޅުނު ނަމަވެސް އޭނާއަށް ފުރަތަމަ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކޮށްނުލެވުނުއިރު، ދުވެފައި އައި ކުޓީނިއޯ ވަނީ އެއްބުރުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

މެޗުގެ އެންމެ ފަހު މިނިޓުގައި ޑަގްލަސް ކޮސްޓާ ހުރަސް ކޮށްލި ބޯޅައަކުން ނޭމާ ބްރެޒިލްގެ ދެ ވަނަ ލަނޑު ޖެހިއިރު، މިއީ އޭނާ ބްރެޒިލްއަށް ޖަހައިދިން 56 ވަނަ ލަނޑެވެ. މިއާއެކު ރޮމޭރިއޯގެ މައްޗަށް ކުރިހޯދާ، ނޭމާ ވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މިރޭގެ ބައްޔާއެކު، ކޮސްޓަރިކާއަށް ވަނީ ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓެއް ވެސް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް