މަގުމަތީގައި ހިނގާ ޓްރެފިކް އެކްސިޑެންޓް ތަކުގެ ކަންކަން ބަލައި އެކަންކަން މޮނީޓަރ ކުރުމަށް ސައުދީގައި 40 ކަނބަލުން ތަމްރީނުކޮށް މައިދާނަށް ނެރެފި އެވެ.
މިއީ ސައުދީގައި ކަނބަލުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާއެކު މިފަދަ ވަޒީފާއަކަށް ކަނބަލުން ތަމްރީނު ކުރި ފުރަތަމަ ފަހަރެވެ. މި ކަނބަލުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ސައުދީގެ ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޓްރެފިކް އެންޑް ނަޖްމު ފޮރ އިންސުއަރެންސް ސާވިސް ކޮމްޕެނީގައި އެވެ.
މި ކަނބަލުންނަށް ސެޓިފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޖްމުގެ ޑިރެކްޓަރު މާހާ އަލް-ޝަނީފީ ބުނެފައިވަނީ 40 ބައިވެރިންވެސް ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ޓްރޭނިންތައް ފުރިހަމަ ކޮށްފައިވާކަމަށާއި އަންހެން އިންވެސްޓިގޭޓަރުންގެ ގޮތުގައި މި 40 ކަނބަލުން މައިދާނަށް ނިކުންނައިރު ބައިވެރިން ތިބީ އެކަމަށް ފުރިހަމައަށް ތައްޔާރު ކުރެވިފައި ކަމަށެވެ.
ސައުދީގައި ކަނބަލުން ބާރުވެރި ކުރުވުމަށް ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނބަލުން ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާއި ކަނބަލުންނަށް ހާއްސަ ކުޅިވަރު މުބާރާތްތައް ބޭއްވުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް