ޝަކްތާ ގެ މިޑްފީލްޑަރ ފްރެޑް މެންޗެސްޓާ ޔުނައިޓެޑަށް

ޝަކްތާ ޑޮކެސްޓްކް ގެ ހުނަރުވެރި މިޑްފީލްޑަރ ފްރެޑް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ބެލެވޭ ގޮތުގައި ޔުނައިޓެޑުން ފްރެޑް ގަތުމަށް ވަނީ 52.5 މިލިޔަން ޕައުންޑް ޚަރަދު ކޮށްފައެވެ. ފީފާ ވޯލްޑް ކަޕ...

21 Jun 2018 | 22:30

ޝަކްތާ ޑޮކެސްޓްކް ގެ ހުނަރުވެރި މިޑްފީލްޑަރ ފްރެޑް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ބެލެވޭ ގޮތުގައި ޔުނައިޓެޑުން ފްރެޑް ގަތުމަށް ވަނީ 52.5 މިލިޔަން ޕައުންޑް ޚަރަދު ކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގައި ކުޅެން މި ވަގުތު ބްރެޒިލްގެ ގައުމީ ޓީމާއެކު ހުރި ފްރެޑް ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 12 މަސް ދުވަސް ކުރިން ކްލަބުން ބޭނުން ނަމަ، މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ލިބޭފަދަ މާއްދާއެއް ވެސް ހިމަނާފައިވެއެވެ.

އުމުރުން 25 އަހަރުގެ ފްރެޑް އަކީ ޔުނައިޑެޓުން މި ޓްރާންސްފާ ބާޒާރުގައި ގަތް 2 ވަނަ ކުޅުންތެރިޔާއެވެ. އެ ކްލަބުން ވަނީ މީގެ ކުރިން ޑިއޯގޯ ޑަލޮޓް ވެސް ހޯދާފައެވެ.

ފްރެޑްގެ ސަބަބުން ޔުނައިޓެޑްގެ މެދުތެރެ ވަރުގަދަވެ، ވާދަވެރިކަން ބޮޑު ވާނެކަމަށާއި، އޭނާގެ އުފެއްދުންތެރި ވިސްނުމާއި، މޮޅު ޕާސްތަކުން ޔުނައިޓެޑަށް ފައިދާ ކުރާނެކަމަށް އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ. މި ސީޒަންގައި ޔުނައިޓެޑަށް ނާކާމިޔާބީއާ ކުރިމަތިވުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް ބެލެވެނީ ވެސް މެދުތެރޭގައި ޕޮގްބާއާ އެއް ފެންވަރެއްގައި ދާއިމީކޮށް ކުޅެވޭ ކުޅުންތެރިން މަދުވުމެވެ.

ފްރެޑް ވަނީ ޔުނައިޓެޑަށް ތަޢުރީފުކޮށް، ޝަކްތާ އަށް ޝުކުރު އަދާ ކޮށްފައެވެ.

"މިއީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް އަދި މި ޓީމުގެ ހިއްސާއެއްކަމުގައި ވެވުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެތައް ބައިވަރު ޓްރޮފީއެއް ހޯދާފައިވާ ކޯޗު މޮރީނިއޯ އާއެކު މަސައްކަތް ކުރަން ލިބުމަކީ ދޫކޮށް ނުލެވޭނެފަދަ ފުރުސަތެއް" ފްރެޑް ބުންޏެވެ.

ފްރެޑް އަކީ ޔުނައިޓެޑުގެ 4 ވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. އޭނާއަށްވުރެ އަގު ބޮޑުކޮށް ޔުނައިޓެޑުން މިހާތަނަށް ގަނެފައިވަނީ ޑި މަރިއާ، ރޮމެލޫ ލުކާކޫ އަދި ޕައުލް ޕޮގްބާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް