ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އާޖެންޓީނާ 3-0 ން ބަލިކޮށް، ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ކްރޮއޭޝިއާ އިން އާޖެންޓީނާ ރޮއްވާލިއިރު، އެ ޓީމަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް އައިސްލޭންޑަށް ކުޅުނު 1 މެޗުން 1 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ 3 ވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު 2 މެޗުން ލިބުނު އެއް ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ނައިޖީރިއާ އާއި އައިސްލޭންޑް މާދަން ރޭ ބައްދަލުކުރާނެއެވެ.
ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި އައިސްލޭންޑާ އެއްވަރުވުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އާޖެންޓީނާ މިރޭ ބަލިވުމުން އެ ޓީމަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗާ ކުރިމަތިލާއިރު ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެއެވެ. ދެ ވަނަ ބުރު ކަށަވަރު ކުރުމަށް އެ މެޗުން ނައިޖީރިއާ ބަލިކުރުން އާޖެންޓީނާއަށް ކޮންމެހެން ވެސް މުހިންމު ވާނެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމުގެ އެޓޭކްތައް ފެނުނީ ކްރޮއޭޝިއާ އަށްވުރެ ބަލިކަށި ކޮށެވެ.
ދެ ވަނަ ހާފު ފެށިގެން ކްރޮއޭޝިއާއަށް ލީޑު ލިބުނީ މެޗުގެ 53 ވަނަ މިނިޓުގައެވެ. އާޖެންޓީނާގެ މާސަޑޯ ކީޕަރަށް ފަހަތަށް ޖައްސާލި ބޯޅަ އޭނާއަށް ރަނގަޅަށް ސާފުކޮށްނުލެވި، ރެބިކް އަށް ލިބުމުން އޭނާ ވަނީ އެއްބުރުން ގޯލަށް ފޮނުވާލާފައެވެ.
ކީޕަރަށް ހެދުނު ގޯހަކުން ކްރޮއޭޝިއާ ލަނޑު ޖެހިއިރު، އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި އުންމީދަށް ހުރަސް އެޅުނީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ޖެހި ހިތްގައިމު ލަނޑާއެކުގައެވެ. ކްރޮއޭޝިއާގެ މޮޅު، ފަހު ވަގުތު އިތުރަށް ފުރިހަމަ ކޮށްލަ ދިނީ ރަކިޓިޗް ޖެހި ފަސޭހަ ލަނޑުންނެވެ.
މިރޭގެ މެޗުގެ ކުރިން ލިއޮނަލް މެސީއަށް ލޯތައް އަމާޒުވިއިރު، މިރޭގެ މެޗުގައި ފެނުނީ ބާސާގައި ފެންނަ މެސީގެ ހިޔަންޏޭ ވެސް ބުނެވިދާނެއެވެ. އަނެއްކޮޅުން އާޖެންޓީނާގެ ޑިފެންސް ފެނުނީ ވަރަށް ބަލިކަށި ކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް