ލޮކްޑައުނަށް ލުއި ދިނުމުގެ މާނައަކީ އެއް ދުވަހުން ކޯވިޑް-19 ބަލި ފިލީ ކަމަށް ނިންމާ، އެންމެން ނިކުމެ ދުވެ އުޅުމެއް ނޫން ކަމުގައި ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ޑރ. މުރާދު މިހެން ވިދާޅުވީ މިރޭ، ނޭޝަނަލް އެމަޖެންސީ ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މި ހިސާބަށް އާދެވި ކޭސްތަކުގެ އަދަދު ކޮންޓްރޯލް ކުރެވިފައިމިވަނީ ވަރަށްގިނަ ދުވަހު ވަރަށް ގިނަ ކަންތައްތަކެއް ކޮށް ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ކަމަށެވެ. އަދި އަންދާޒާ ކުރެވުނު އަދަދުތަކާ އަޅާ ބަލާއިރު ކޭސްތައް ފެންނަމުންދަނީ ވަރަށް ދަށްކޮށް ކަމުގައިވެސް ޑރ. ފާހަގަކުރެއްވިއެވެ.
"އަބަދު ލޮކްޑައުންގައެއް ނުތިބެވޭނެ، ލޮކްޑައުނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް އެބަ ދޭންޖެހޭ، ފިޔަވަޅުތަކެއް އަޅައިގެން ދޫދެމުން ގެންދަންއެބަޖެހޭ" ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ ލުއި ދެވޭއިރު ގެންދެވޭނީ މަރުހަލާތަކަކަށް ބެހިގެން ކަމަށާއި، އޭގެ މާނައަކީ މިވެނި ދުވަހަކުން ފެށިގެން ކުރީގަ ހުރި ނޯމަލަށް ދިއުން ނޫން ކަމަށެވެ. ބަލީގެ ނުރައްކާ ކުޑަވަނީކީ ނޫން ކަމަށާއި އަދިވެސް ބަލީގެ ނުރައްކާ އެބަ އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ނިކުމެ އުޅޭއިރު އިތުރުވެގެންދިއުން އެކަށީގެންވާކަމުގައިވެސް ޑރ. ފާހަގަކުރެއްވިއެވެ. އަދި ލުއިތައް ދެމުންދާނީ މަރުހަލާތަކުގައި ދެވޭ ލުއިތަކަށް ބެލުމަށްފަހުގައި ކަމުގައިވެސް ވިދާޅުވިއެވެ.
ޑރ. ފާހަގަކުރެއްވިގޮތުގައި މިކަމުގައި ހަގީގީ ކާމިޔާބެއް ލިބޭނީ އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. އަދި ދޭ އިރުޝާދުތަކަށް ބޯލަނބައި ކަންކަން ކުރިއަށްގެންދިއުމަށް ޑރ .އިލްތިމާސް ކުރެއްވިއެވެ.
"މިސްކިތްތައް ހުޅުވާލާއިރުވެސް ކޮންޑީޝަން ތަކަކާއެކު މި ހުޅުވާލަނީ، ސްކޫލްތަކާ އޮފީސްތައް ހުޅުވުމަށްވެސް ވަކި ވަކީން އިރުޝާދުތައް ދެވެމުންދަނީ" ޑރ. ވިދާޅުވިއެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ ހާލަތު އަނބުރާ ގެންދަންވެސް ޖެހިދާނެ ކަމަށާއި ނަމަވެސް ކުރީގެ ހާލަތަށް އަނބުރާ ގެންދަން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.
"ހުރިހާ މަރުހަލާތަކަށްވެސް އަހުލުވެރިވެ ބަލައިގަނެ ކުރިއަށް ގެންދެވިއްޖެކަމަށް ވަންޏާމުން، ކޭސްތައް ކޮންޓްރޯލް ގޮތެއްގައި ހިފެހެއްޓި ފަރުވާ ދޭންޖެހޭ ކެޕޭސިޓީ މައްޗަށް ނުގޮސް ހިފެހެއްޓޭނީވެސް" ޑރ. މުރާދު ވިދާޅުވިއެވެ.
ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން ތައްޔާރުވަމުން އަންނައިރު މިހާރު ތައްޔާރުވެފައިވާ މިންވަރު މިރޭގެ ޕްރެސްގައި މަބްރޫކ ފާހަގަކުރެއްވިއެވެ. އެގޮތުން ޑުބާއީން ގެންނަ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރެއް މިއަދު ގެނެވިފައިވާއިރު މިހާރު ރާއްޖޭގައި ހުރި ޖުމްލަ ވެންޓިލޭޓަރުގެ އަދަދު 129 އަށް އަރަފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
އައިސީޔޫ އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ރަށެއްގައި ޕީޕީއީ އެބަހުރި ކަމާއި ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމުގައި ފާހަގަކުރެއްވިއެވެ.
4210 ޖަމްބޯ، އޮކްސިޖަން ސިލިންޑަރު ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކޮންސިއުމަބަލްސް ތަކެތި ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އޭގެ 50 އިންސައްތަ މިހާރު ގެނެވިފައިވާކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ބާކީ ގެނެވޭނެކަން ހާމަކުރެއްވިއެވެ.
އަދި ޓެސްޓް ކެޕޭސިޓީއަށް ލިބިފައިވ އަދި ލިބޭނެ ކުރިއެރުންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، އައިޖީއެމް ހޮސްޕިޓަލުގައި އާ އެކްސްޓްރެކްޝަން މެޝިނެއް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މެޝިން އިންސްޓޯލް ކޮށް ނިމުމުން އައިޖީއެމް ހޮސްޕިޓަލުން އެކަނި ދުވާލަކު 600 ޓެސްޓް ހެދޭނެ ކަމަށާއި މިހާރު އޭޑީކޭގައި ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު އެ މެޝިނުން ދުވާލަކު 500 ޓެސްޓް ހެދޭނެކަން އޭޑީކޭއިން ފާހަގަކުރައްވާ ކަމަށާއި އަދި ޕޮލިސް ލެބްގައި ދުވާލަކު 145 ޓެސްޓް ދުވާލަކު ހެދޭކަން ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން ބަޔޯ ފަޔަރ ގެ ޕީސީއާރު ދެ މެޝިން ޓްރާންސިޓްގައި އިންޑިއާގައި އެބަހުރި ކަމަށާއި އެ ދެ މެޝިން އިންސްޓޯލް ކުރެވޭނީ އައިޖީއެމް ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައިކަންވެސް މަބްރޫކް ފާހަގަކުރެއްވިއެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް