މަޖިލިސް ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަފީފް: ރައީސް ސޯލިހް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވ...

22 May 2019 | 18:00

ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 18 ވަނަ މަޖިލީހުގެ މެމްބަރުންނާއި އަދި 19 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުންނާއެކު ބޭއްވި ތަރާވީހަކަށްފަހު ނުސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވި މަގާމުގެ ހައިސިއްޔަތުން ވަކި މީހެއްގެ ނަން ޕަބްލިކުގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހަސަން އަފީފްގެ މަސައްކަތް ފެނިފައި އެބަހުރި ކަމަށާއި އަދި އަސްލަމާ އެކީގައިވެސް މަސައްކަތް ކުރެވިފައިވާކަމަށާއި އަދި ގަބޫލުކުރައްވާގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

19 ވަނަ މަޖިލީހުގެ ރައީސް ކަމަށް އަފީފް އާއި އަސްލަމްގެ އިތުރުން ކާށިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް