ޕަބްލިކް ސާވިސް މީޑިއާގައި މިހާރު ހުރި ބޭނުން ނެތް މަގާމުތައް އުވާލައި ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ގާބިލު ނޫން މުވައްޒަފުން ވަކި ކުރަން ނިންމާފައިވާކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ އިދާރީ އޮނިގަނޑު އަލުން އިސްލާހުކޮށް ހަމަމަގަށް އެޅުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"މި މަސައްކަތް ކުރިއަށްދާއިރު ކުންފުނި ހިންގުމުގައި ޕްރޮޑަކްޓިވް ނޫން މުވައްޒަފުން ނުވަތަ ބޭނުން ނެތް މަގާމުތައް އުވާލުމަށް ވަނީ ހަމަޖެހިފައެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ މަގާމުތައް އުވާލުމުގެ ކުރިން އެ މަގާމުތަކުގައި ތިބި މުވައްޒަފުން ކުންފުނީގެ އެހެން ދާއިރާތަކަށް އިތުރަށް ބޭނުންވާ މަގާމުތަކަށް އެ މުވައްޒަފުން ޝަރުތު ފުރިހަމަވޭތޯ ބެލުމަށްފަހު އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދެވޭނެކަމަށްވެސް ބުނެފައިވެއެވެ.
"ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައއި މިވަގުތު ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލުނޫން މުވައްޒަފުންގެ ކޮންޓްރެކްޓްތައް އުވާލެވޭނެ" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އެ ކުންފުނީގެ ޑިރެކްޓަރ، ހިއުމަން ރިސޯސަސް އިބްރާހިމް ރަމީޒު ވިދާޅުވީ ރީސްޓްރަކްޗަރިންގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އަމާޒު ހިފާފައިވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތްތައް ދިރާސާކޮށް އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް