ހުޅުމާލެ އިރުމަތީ ފަރާތު ބީޗް ސަރަހައްދު ބޭނުން ކުރުމުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލާފައިވާ އުސޫލުތަކަށް ބޯ ނުލަނބާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޗްޑީސީއަށް އަންގައިފިއެވެ.
މިގޮތަށް އަންގާފައިވަނީ އެއްވެސް އުޞޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާ ކަމަށާއި، އަދި އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައި އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީގެން ފައިދާ ނަގަމުންދާއިރު، އެޗްޑީސީން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗް.ޑީ.ސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުންކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާކަމެކެވެ.
އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމާއި، އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އޭސީސީން އަންގާފައެވެ.
ހުޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުޞޫލެއް އެކުލަވާލައި އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށާއޮ އެފަދަ އުޞޫލު އެކުލަވާލާއިރު، ބީޗް ސަރަޙައްދަކީ ޢާންމުން ބޭނުންކުރާ ތަނެއްކަމަށް ދެކި، ޢާންމުންނަށްވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އެޞޫލް އެކުލަވާލުމަށްވެސް އެޗްޑީސީއަށް އަންގާފައިވާނެކަމަށް އޭސީސީން ބުނެފައިވެއެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަމުންދަނީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ރެސްޓޯރަންޓް ވިޔަފާރިކުރުމަށް ކަން އެނގޭ ކަމަށާއި ކޮމިޝަނަށް ލިބިފައިވާ ބައެއް ޝަކުވާ ތަކުގައި ބައެއް ގެސްޓްހައުސްތަކުން އެ ގެސްޓްހައުސްއެއްގެ ކުރިމަތީގައިވާ ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުޙުމަތުކޮށްފައިވާތީ، މިކަމަކީ ޤާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުވާތީ، މިކަންވެސް ބަލައި ފިޔަވަޅު އެޅުމަށް އެޗްޑީސީއަށް އަންގާފައިވެއެވެ.
މީގެ އިތުރުން އެ ސަރަހައްދު ދިނުމުގައި، އެކަމަކީ ވަގުތީ ގޮތުން ކުށްޔަށް ދޭ ދިނުމެއް ކަމަށް ވީނަމަވެސް، މައްސަލައިގައި މިހާތަނަށް ކަންތައް ވެފައިވާގޮތަށް ބަލާއިރު، އަދިވެސް ބައެއް ފަރާތްތަކުން އެޗްޑީސީ އިން އެންމެފަހުން ޢަމަލުކުރަން ނިންމި އުސޫލުތަކަށް އަދިވެސް ބޯނުލަނބާކަން ފާހަގަކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން މިކަމަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަލާފައިވާކަމަށް ފާހަގަކުރެވިފައެއްނުވާކަމަށާއި އަދި ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ތުޙުމަތުކުރެވިދާނެކަމެއްކަމާއި، މިއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށްވާތީ، މިކަން ސީރިޔަސް މައްސަލައެއްގޮތުގައި ދެކި، ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް އެޗްޑީސީއަށް އަންގާފައިވާނެ ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް