ޖަނަވާރުންގެ ގައިން އިންސާނުންނަށް ވާސިލުވާ ބައްޔެއް ކަމަށްވާ "ނިޕާ" ވައިރަސް ޖެހިގެން ނުވަ މީހުން މަރުވި ފަހުން އެބަލި ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އިންޑިއާގެ ކެރެލާ ސްޓޭޓް ސަރުކާރުން ބުނެފި އެވެ.
ހުމެއްގެ ގޮތުގައި ފެތުރޭ މި ބަލި ޖެހިގެން ފުރަތަމަ މަރުވީ އެއް އާއިލާއެއްގެ ދެ މީހަކެވެ. އަދި ހަމަ އެ އާއިލާގެ އިތުރު ބަޔަކަށް މި ހުން ޖެހުނު ކަމަށް ވެ އެވެ. މިހާތަނަށް މި ހުން ޖެހިގެން ޝައްކު ކުރެވޭ މީހުން ފެނިފައިވަނީ އުތުރު ކެރެލާއިންނެވެ.
ކެރެލާ ސްޓޭޓް ސަރުކާރުގެ ހެލްތް މިނިސްޓަރު ކޭކޭ ޝައިލަޖާ ވިދާޅުވެފައިވަނީ ނިޕާ ވައިރަސް ޖެހިގެން މަރުވި ކަމަށް ބެލެވުނު ނުވަ މީހުންގެ ތެރެއިން ހަތަރު މީހުންގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރި އިރު އެ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމަކު އަނެއް ފަސް މީހުންގެ ސާމްޕަލްތަކުން އެބަލި ޖެހިފައިވާކަން އަދި ޔަގީން ނުކުރެވޭ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ބަލި ޖެހުނު މީހުންނަށް ފަރުވާދޭން އުޅުނު ނަރުހަކު ހިމެނެ އެވެ.
ނިޕާ ބަލި ފެތުރެމުންދާ ސަރަހައްދުން ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނި ނަމަވެސް އަދިވެސް މަރުވާ މީހުންނާއި ހުން އައިސްގެން އެޑްމިޓް ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް 12 މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާދެމުންދާއިރު ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 20 މީހަކު އެބަތިއްބެވެ. މިކަމާ ގުޅިގެން ޝައިލަޖާ ވިދާޅުވީ އެއީ އެ ބަލި ޖެހިފައިވާ މީހުންކަން ޔަގީން ނުކުރެވޭތީ ބަލި ކޮންޓްރޯލް ކުރެވިފަވާ ކަމަށް ނިންމާފައިވާ ކަމަށެވެ.
މި ބަލި އާންމުކޮށް ފެތުރެނީ ވާލުގެ ޒަރީއާއިންނާއި އޫރުންނެވެ.
ކެރެލާގައި ނިޕާ ފެތުރެން ފެށުމުން އިންޑިއާގެ މައި ސަރުކާރުގެ ހެލްތް މިނިސްޓްރީން ވަނީ ހާއްސަ ޓީމެއް ކެރެލާ ހެލްތް މިނިސްޓްރީ އާއި އެކު މަސައްކަކަތް ކޮށް ދިރާސާތައް ހެދުމަށް ފޮނުވާފަ އެވެ. އެ ޓީމުން މިހާރުވަނީ ބަލި ފެތުރޭ ސަރަހައްދުތަކަށް ކޮށް އެ ތަނުގައި އުޅޭ ބައެއް ވާތައް ހިފައި އިތުރު ތަހުލީލުތައް ކުރަން ފަށާފައި އެވެ.
ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 2001 ވަނަ އަހަރު ބަންގްލަދޭޝް އިންނެވެ. އެފަހަރު ބަންގްލަދޭޝް އާއި އިންޑިއާ ގުޅޭ ސަރަހައްދުގެ އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓް ގައިވެސް މި ބަލި ފެތުރުނެވެ. އޭގެ ފަހުން 2007 ވަނަ އަހަރުވެސް އެ ސްޓޭޓްގައި އެބަލި ފެތުރުނެވެ.
އިންޑިއާގައި މި ބަލި ފެތުރު ކޮންމެ ފަހަރު ބަލި ޖެހުނު މީހުންގެ 70 ޕަސެންޓު މީހުން މަރުވި އެވެ. އެގޮތުން އެ ދެ ފަހަރު 50 މީހުން މަރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް