ލޮކް ޑައުންގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން

ކޯވިޑް-19 ގެ އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހުނު މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބަޔަކު ހިމެނޭ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ....

22 Apr 2020 | 06:04

ކޯވިޑް-19 ގެ އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހުނު މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބަޔަކު ހިމެނޭ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މާލޭގެ ލޮކްޑައުން އާއި ގުޅިގެން މަގުމަތިވި86 މީހަކާއި ޖެންޑާ މިނިސްޓްރީން ހަވާލުވެ ވަގުތީ ހިޔާވަހިކަން ދީފައިވެ އެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ނިދުން ހަމަޖައްސާފައިވަނީ އިމާދުއްދީން ސްކޫލްގައި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަގުމަތިވި މީހުންގެ ތެރެއިން25 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަަމަށެވެ. އެމީހުންވެސް ފުރަތަމަ ބޭތިއްބީ އެހެން މީހުންނާއި އެކު އިމާދުއްދީން ސްކޫލްގައި އެވެ.

ދައުކަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތިވެފައި ތިބި މީހުން އެހެން ތަންނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީ އާއި ހަވާލާދީ މަބްރޫކް ވިދާޅުވި އެވެ.

މާލޭއަށް އައިސް ތަންތަން ކުއްޔަށް ހިފައިގެން ތިބި އަތޮޅު ތެރޭ ރައްޔިތުން ރަށަށް ދިއުމުގެ އިންތިޒާމް ހަމަޖެހެއްދެން މާލޭގައި ތިބޭނެ އިންތިޒާމް ހަމަޖެހެން ނެތް ނަމަ ސިޓީ ކައުންސިލަށް ނުވަތަ ފުލުހުންނަށް އެންގުމަށް އެދެ އެވެ. އޭރުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހިފައިވާ މީހުންވެސް ޖެންޑާ މިނިސްޓްރީގެ ނަމްބަރު1412 އަށް ގުޅުމަށް އެ މިނިސްޓްރީން އަންގާފައިވެ އެވެ. މިހާތަނަށް އެ މިނިސްޓްރީން އެގޮތަށް ދިމާވި ދެ ބަޔަކަށް ވަގުތީ ބޯހިޔާ ވަހިކަން ހޯދައިދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް