ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ޑިންގީއެއްގައި ދަތުރު ކުރަމުންދަނިކޮށް ބަންޑުން ޖަހާލައި، އައިމިނަތު ޝިމާ ގެއްލުނު މައްސަލާގައި ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށް ފުލުހުން ހާމަކޮއްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ގެއްލުނު ޝިމާގެ މައްސަލައިގެ ތަހުގީގާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޝިމާ ހޯދުމުގެ މަސައްކަތްތައް ކުރަމުންދަނީ ލިބެމުންދާ މައުލޫމާތުތަކުގެ އަލީގައިކަމަށެވެ.
އެގޮތުން، މިއަދު ގއ އަތޮޅުގެ ދެ ފަޅު ރަށް ބަލާފައިވާކަމަށާއި، ފޯން އެންޓަނާތަކަށް ލިބިފައިވާ ސިގްނަލްތަކާއި އެހެނިހެން މައުލޫމާތުތަކަށް ބަލާ ސިކްސްސެންސް ރިސޯޓް ކައިރިން ޑައިވްކޮށް 1.5 މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ފައިރޫސް ވިދާޅުވިއެވެ. އަދި ޝިމާގެ ބައެއް މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވުމުން އެމައުލޫމާތުތައް ކަމާއި ގުޅޭ ބޭރުގެ ފަރާތްތަކާއި ގުޅިގެން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.
މީގެއިތުރުން، މިހާތަނަށް ބެލިބެލުމުގައި ޝިމާ ފަޒީލާއިއެކު ޑިންގީއެއްގައި ފުރާފައިވަނީ އެއްވެސް މަޖްބޫރުކަމެއް ނެތި ޝިމާގެ އާއިލާއަށްވެސް އެކަން އެނގިގެންކަމަށެވެ. އަދި ޝިމާ ރަށަށް ދިޔުމަށް އައިލާގެ ފަރާތުން އެއްޗެއް ހަމަނުޖައްސާދިނުމުން އޭނާގެ މަންމައާއި ދެމެދު ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހި މުއާމަލާތުތަކެއް ކޮށްފައިވާކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.
ޝިމާއާއި ފަޒީލް ދަތުރުކުރި ޑިންގީ އަކީ 12 ފޫޓުގެ ޑިންއެއް ކަމަށާއި، އެމީހުން ފުރީ އެއްވެސް ސަލާމަތީ ފިޔަވަޅެއް ނާޅާ ކަމަށާއި އެ ޑިންގީ ކުރިންވެސް ބަންޑުން ޖަހާލައި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށް ފައިރޫޝް ފާހަގަކުރެއްވިއެވެ.
ކަނޑުމަތީގައިވެސް ޝިމާ ދިޔައީ މެސެންޖާއިން މީހަކަށް މެސެޖު ކުރަމުން ކަމަށްފައިރޫޝް މައުލޫމާތުދެއްވިއެވެ. އަދި ޝިމާ އަކީ ފޭސްބުކުން ވަރަށް ގިނައިން މީހުންނާ މުއާމަލާތް ކުރާ މީހެއްކަމުން މިހާރު ފޭސްބުކަށްވެސް ޝިމާގެ އައިޑީގެ މައުލޫމާތު ހޯދުމަށް ރިކުއެސްޓް ކޮށްފައިވާނެކަމަށް ވެސް ފައިރޫޝް މައުލޫމާތުދެއްވިއެވެ.
ޝިމާ ގެއްލުނު ހާދިސާއާއި ގުޅިގެން 46 މީހަކާއި މިހާތަނަށް ސުވާލު ކޮށްފައިވާނެ ކަމަށާއި، ވައިގެ ތެރޭގައި 10 މޭލަށް އެ ސަރަހައްދު މަތިން ބެލުނުކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި 5 ޑައިވް ކުރިކަމަށާއި މިއަދު ބެލި ދެރަށާ ލައިގެން ޖުމްލަ 17 ރަށެއް ބެލިއްޖެ ކަމުގައިވެސް ފައިރޫޝް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 1900 ކިލޯމީޓަރުގެ ސަރަހައްދެއް ބެލިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ފައިރޫޝް ވިދާޅުވީ، މޫސުމަށް ނުބަލައި ފަތަން ނޭންގޭ މީހަކު ގޮވައިގެން، ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅާ ފަޒީލް ފުރުމުން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި، މިއީ ވަކީ މީހެއްގެ އަމަލެއް ކަމަށްވެސް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ފަޒީލް ޝިމާ އެއްވެސް އިތުރުތަނަކަށް ގެންގޮސް އިތުރުކަމެއް ކޮށްފައި ވާކަމަށް ނުބެލެވޭކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.
ޝީމާ ގެއްލިފައިވަނީ އިބްރާހިމް ފަޒީލް، 24، އާ އެކު ޑިންގީގައި ދަނިކޮށް އެ ބަންޑުން ޖަހާލައިގެންކަމަށް ފަޒީލް ބުނެއެވެ. އަދި ފަޒީލް ސަލާމަތްވީ ފަތާފައިގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް