ގައުމެއް ތަރައްޤީ ވެގެން ދަނީ އެ ޤައުމެއްގައި ކިޔަވައިގެންތިބި ބަޔަކު އުފެދިގެން ކަމަށާއި، ގައުމު ކުރިއަރައިގެން ދިއުމަށްޓަކައި ބޭނުންވާނެ އެންމެ ވަރުގަދަ އެސެޓަކީ ފަންނުވެރި، ހުނަރުވެރި، ޤާބިލު މުޖުތަމައެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމުގެ ކުރިއެރުމަކީ، ނުވަތަ ތަރައްޤީއަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ކަމެއްކަމުގައި ރޭގެ ހަފްލާގައި ނައިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނާއި ނުލައި ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނޯންނާނެ ކަމުގައިވެސް އެމަނިކުފާނު އިތުރަށް ފާހަގަ ކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ވަޒީފާގެ ފުރުޞަތު ނުލިބޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އިންޑަސްޓްރީގެ އިސް ވެރިންގެ އަރިހުން އެދިވަޑައިގެންފައި ވާނެކަމަށެވެ. އަދި ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެކަށީގެންވާ އުޖޫރައާއި ކުރިއެރުން ދިނުމަށްވެސް އިންޑަސްޓްރީއާއި މުވައްސަސާތަކުގެ އިސްވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، އިއްޔަ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށް، މުޅި ދިވެހި ރާއްޖެ ސްރީލަންކާ އާއި އެކުގައި ތިބި ކަމަށް އެމަނިކުފާނު ދެންނެވިއެވެ.
ރޭގެ ހަފްލާގައި މަތީ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބް ރައީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް