ކުރީގެ އަދަދާ ގުޅޭ...
ޒައިނާ ގެއަށް އައިސް ވަތްއިރު ޒިއަން ކޮޓަރިން ނިކުންނަނީއެވެ. ބާރުބާރަށް ހިނގާފައި ދިޔަ ޒައިނާ ޒިއަންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
"ޔޫ އާ މެރިޑް އެންޑް ޔުއަރ ވައިފް ނީޑްސް ޔޫ" ޒައިނާ ބުނެލިއެވެ. ޒިއަން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
"ރޭގަ ވެސް ދާން ނިކުންނަނިކޮށް މަންހާ ބޮލަށް އެނބުރުން އަރަނީ އޯ ކިޔާފަ މަންމަ ފޮނުވީ ހޮސްޕިޓަލަށް... މަންމަ ހީވަނީ އެހެން ފަދަ ކަމެއްހެން ވަޓް ޓު ޑޫ" ޒިއަން އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
"ޓައިމް ހޯދީމަ ވާނީ... ޔޫ ލެފްޓް ހާ ކައިވެނީގެ ފުރަތަމަ ރޭ... އޭގެ ފަހުން ކޮބާތޯވެސް ބަލައިލިންތަ؟" ޒައިނާ ހުރީ ވަރަށް ރުޅި އައިސްފައެވެ. މިއަދު ރާނީ އާ ދިމާވުމުން އެ ހިތަށް ކޮށްފައިވާ އަސަރު ޒައިނާއަށް އިހުސާސްވިއެވެ. އެ އިހުސާސަކީ މިއަދާ ހަމައަށް އޭނާގެ ހިތުގައިވެސް ވާ އިހުސާސެކެވެ. ޒައިނާ އަށް ވެގެން އެ ވޭނުގައި އެހެން މީހަކު އުޅުނަކަ ނުދޭނެއެވެ.
"ޒިއަން އަށް ނުވަންޏާ އެންމެން ކައިރީ ބުނަން ހިނގާ... އައި ވިލް ސަޕޯޓް ޔޫ ޕްލީޒް" ޒައިނާ އެންމެ ފަހުން ބުނެލިއެވެ. ޒިއަން އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީއެވެ.
"ޒިއަން މިއޮއް ރޭގަނޑު ކޮންތާކަށް" ޒިއަން ގެއިން ނިކުމެ ނިކުމެ ހުއްޓައި ފަހަތުން ޝާހިދު ގޮވައިލިއެވެ. ޒިއަން މޫނަށް ގޮތެއް ހަދައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ފަހަތަށް އެނބުރުނެވެ.
"މި ދަނީ އީމާން ގުޅީމަ" ޒިއަން ދޮގެއް ހަދައިލިއެވެ.
"އެކަމަކު ދެން އެގާރަ ޖެހީ... އެހާ ދަންވަންދެން ބޭރުގަ ނޫޅެއްޗޭ"މިހެން ބުނުމަށްފަހު ޝާހިދު މައްޗަށް އަރައިގެން ދިޔައެވެ. ޒިއަން މަޑުމަޑުން ސިޓިންގރޫމުގައި ހުރި ޓީވީ ރެކް މަތީގައި ބަހައްޓާފައި ހުރި ތަޅުދަނޑި އަޅާ ދަޅުން ގޭގެ ޑަބަލް ތަޅުދަނޑި ނެގިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނިކުތެވެ. އަދި ޒައިނާ އަށް ގޭގެ ބޮޑު ދޮރު ތަޅުލުމަށް މެސެޖެއް ކޮށްލިއެވެ. އޭރުން ބައްޕަމެން ހީކުރާނީ ޒިއަން ގެއަށް އައިސް ދޮރު ތަޅުލީ ކަމުގައެވެ.
ފާހާނާއިން ނިކުތް ރާނީގެ ހިތް ތެޅެން ފެށީ މިގަޑީގައި މީހަކު ދޮރުގައި ތަޅާތީއެވެ. ރާނީ އެނދުގައި އިށީނެވެ. އެމީހަކު ހަމަ ދޮރުގައި ތަޅަނީއެވެ. ދޮރު ހުޅުވަންވީ ބާއެވެ. މިގަޑީގައި ޒިއަންވެސް އައިސްދާނެއެވެ. ނޫނެކެވެ. ޒިއަން ވެއްޖެނަމަ އޭނައަށް މިހާރު ގުޅައިފާނެއެވެ. ރާނީ ފޯނު ހޯދައިލިއެވެ. ފޯނު އޮތީ ބާލިސް ދަށުގައެވެ. އޭރު ޒިއަންގެ ދެ މިސް ކޯލު އައިސްފައި އިނެވެ. ވަގުތުން ރާނީ ދުވެލާފައި ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ޒިއަންއެވެ.
"ކިހާވަރަކަށް ތަޅައިފިން... ކީއްތިކުރަނީ؟" ކޮޓަރި ތެރެއަށް ވަންނަމުން ޒިއަން އަހައިލިއެވެ. އެވަގުތު ޒިއަންގެ ގައިގައި އޮޅުލައި ގަންނަން ރާނީ ވަރަށް ބޭނުންވިއެވެ. އެކަމަކު ކައިވެނީގެ ފަހުން ޒިއަން ވަރަށް ދުރު ވެއްޖެއެވެ. ވީ ގޮތެއްވެސް ނޭންގެއެވެ. އަމުދުން މިއަދު ހަވީރު ފެނުނު މަންޒަރުން ރާނީ ހުރީ ޒިއަން ދެކެ ހިތްހަމަނުޖެހިފައެވެ.
ރާނީ އެހެން ހުއްޓައި ޒިއަން އައިސް ފަަހަތުން ރާނީގެ ގައިގައި ބައްދައިލިއެވެ. ރާނީ އަށްވެސް ޒިއަންގެ ގައިގައި ލެނގިލެވުނެވެ.
"އައި މިސްޑް ޔޫ" ރާނީގެ އިސްތަށިގަނޑުގައި މޫނު ފޮރުވައިލަމުން ޒިއަން ބުނެލިއެވެ.
"ހުސް ދޮގު" ރާނީގެ ލޮލުން ކަރުނަ އައި އިރެއްވެސް ނޭންގުނެވެ. ރާނީ އަށް ރޮވިއްޖެއެވެ. ޒިއަން ރާނީގެ ގައިން ދޫކޮށްލުމަށްފަހު އޭނައާއި ދިމާލަށް އަނބުރައިލިއެވެ.
"ދެން ނުވާނެއޭ އެހެންނެއް... ސަމްތިންގ ހެޕެންޑް... ދެން ނުރޮއެ ބަލަ ޕްލީޒް" ރާނީގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލައިދެމުން ޒިއަން ބުނެލިއެވެ.
"ވަޓް ހެޕެންޑް" ރާނީ އަހައިލިއެވެ. ޒިއަން ރާނީގެ ދެލޮލަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޒިއަން ނުބުނެ ހުއްޓައިލީއެވެ. ރާނީ ވެސް ހުރީ ޒިއަންގެ ލޮލަށް ބަލަހައްޓައިގެން ޒިއަން އެއްޗެއް ބުނޭތޯއެވެ.
"ކިހިނެއްހޭ ވީ؟" ރާނީ އަނެއްކާވެސް އަހައިލިއެވެ. ޒިއަން ރާނީގެ ގައިގައި ބައްދައިލިއެވެ.
"ދެން ގޭތެރޭގެ ކަންކަން..." ޒިއަން ބުނެލިއެވެ.
"ނުކުރާނަށް ގަބޫލެއް" ރާނީ ޒިއަންގެ ގަޔާއި ދުރުވެލިއެވެ. ރާނީއަށް ހަމަ ރޮވެނީއެވެ. ޒިއަން ބައިވަރު ކަންތައް ސިއްރުކުރާކަން ރާނީ އަށް އިނގެއެވެ. ޒިއަން ނުބުނަން އުޅެނީ ކީއްވެގެން ހެއްޔެވެ.
"އަސްލުއޭ... ގަބޫލުކޮށްބަލަ" ޒިއަން ރާނީގެ މޫނުގައި ދެއަތުން ހިފައިލިއެވެ.
"ދެން މިއަދު ކާކު ގޮވައިގެން އެ ދިޔައީ؟" ރާނީ އަހައިލިއެވެ. ޒިއަންގެ ހިތް ތެޅެލިއެވެ. ރާނީ މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ޒިއަން ދެ ބުމަ ގާތްކޮށްލިއެވެ.
"މިއަދު ކާކާ އެކީ؟" ޒިއަން ނޭންގޭ ކަމަށް ހަދައިލިއެވެ. ރާނީ އެއްވެސް އެއްޗެއް ނުބުނެ އަނެއް ފަރާތަށް އެނބުރުނީއެވެ. ޒިއަން ފަހަތުން ރާނީގެ ދެ ކޮނޑުގައި ހިފައިލިއެވެ.
"އަޅެ ބުނީމަ ދޯ އިނގޭނީ" ޒިއަން އަނެއްކާވެސް ބުނެލިއެވެ. ރާނީ ކައިރިޔަށް މިހާރު ރުޅި އައިސްފިއެވެ. ޒިއަންގެ ދެ އަތް ފޮޅުވައިލުމަށްފަހު ޒިއަން އާއި ކުރިމަތިލިއެވެ.
"މިއަދު ހަވީރު މަންހާ ގޮވައިގެން ދިޔައީ ދެމީހުން ބައްދައިގަނެގެން ސައިކަލު މަތީގަ... ޒިއަންއަށް އެހެން މީހުން ގޮވައިގެން ތަންތަނަށް ދެވޭ އަހަރެން ކައިރިއަށް ނާދެވެނީ... ފިރިމީހާގެ ވާޖިބު އަދާ ނުކުރެވެންޏާ ކީއްކުރަންތަ އިނީ.. އަހަރެން އުޅުން ހާލަށް އަހަރެން ދޫކޮށްލި ނަމަ... ޒިއަން ހީކު..." ރާނީގެ ހިތުގައި މިހުރިހާ އިރު އަނދަމުން ދިޔަ އަލިފާންގަނޑު ނިއްވައިލެވޭތޯ ރާނީ މަސައްކަތް ކުރަމުން ދިޔައިރު، އެކަމަށް ހުރަސް އެޅީ ޒިއަން ދެން ކުރި ކަމަކުންނެވެ. ޒިއަން އައިސް ރާނީގެ ތުންފަތުގައި ބޮސް ދިނުމުން ރާނީ ބުނެ ބުނެ ހުރި ޖުމްލަ ކަރުގައި ތާށިވިއެވެ. އެ މަސްތުގައި މިނެޓެއް ހާއިރު ތިބުމަށްފަހު ރާނީ ޒިއަން އާއި ދުރުވެލިއެވެ. ރާނީ ހުރީ މާ ނޭވާ ލެވިފައެވެ.
"ޒިއަން ހީކުރީ ޒިއަން ތީ..." ރާނީ އަނެއްކާވެސް އުޅުނީ އެ ޖުމްލަ ފުރިހަމަ ކުރާށެވެ. ޒިއަން އަނެއްކާވެސް ރާނީ ހުއްޓުވީ ކުރިންވެސް ހުއްޓުވި ގޮތަށެވެ. ރާނީއަށް ޒިއަން ލައިގެން ހުރި ޓީޝާޓުގެ އަތުކުރީގައި ހިފައި ބޮނޑި ކޮށްލެވުނެވެ. އަނެއްކާވެސް ރާނީ ޒިއަން އާއި ދުރުވެވޭތޯ އުޅުނެވެ. ނަމަވެސް މިފަހަރު ޒިއަން ހުރީ ބާރަށް ރާނީގެ ގައިގައި ހިފަހައްޓައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ރާނީ އެކީ ޒިއަންގެ ހިމާޔަތުގެ ދަށަށް ރުޖޫއަވެއްޖެއެވެ. ކިތަންމެ ގަދަ ދައްކަން އުޅުނަސް ފިރިހިނެއް ކައިރިން ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔެވެ.
***
އެނދުމަތީގައި ނުނިދި އޮތް ޒައިނާ އަށް ވިސްނެމުން ދިޔައީ މިއަދު ފެނުނު މަންޒަރެވެ. މިއަދު ހަވީރު ރާނީ ގޮވައިގެން ދުއްވާލަން ނިކުމެ އުޅެނިކޮށް ވިލިނގިލި ފެރީ ޓާމިނަލް ކައިރީގައި ހުއްޓިލައިގެން ތިބި އާލިމްގެ އާއިލާއެވެ. ހީވާ ގޮތުން އެމީހުން އެ އައީ ޕިކްނިކް ގޮސްފައެވެ. ދެ ދަރިންނާއި ދޮށީ އަނބި ކައިރީގައި ހުރި އިރު، އާލިމްގެ މޫނުމަތީގައި ވި ހިނިތުންވުން ފެނި އެ ހިތް އެކީ ކުދިކުދި ވެއްޖެއެވެ. އެވަގުތު ހިތް ފަޅައިގެން ދިޔަ ނަމަވެސް މީހަކަށް އެނގިދާނެތީ އެކަން ފޮރުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެދުވަހު ބައްޕަގެ ބަސް އެހުނު ނަމަ މިއަދު މި ހިތްދަތިކަމާއި، މި އެކަނިވެރިކަމާއި ކުރިމަތިލާކަށް ނުޖެހުނީހެވެ. އެ ކައިވެނީގެ ސަބަބުން މިއަދު ޒައިނާގެ ހަޔާތުގައި މަހުރޫމް ވެފައިވަނީ ފިރިހީމީހާގެ ލޯބި އެކަންޏެއް ނޫނެވެ. ބައްޕަގެ ލޯބިން ވެސް މިއަދު މިވަނީ މަހުރޫމު ވެފައެވެ. އާލިމް އެގޮތަށް އެ ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ. އާލިމް އަށް މިހާރު ޒައިނާ ފެންނަނީ އަހުދާ އާއި ކޮންމެވެސް މައްސަލައެއް ޖެހުމުން އެކަންޏެވެ. ދެ އަނބިން ގެންގުޅޭނަމަ ދެ މީހުންނަށް ވެސް ކަންތައް ކޮށްދެން ޖެހޭނީ ހަމަހަމަ އަށެވެ. އާލިމްގެ މައްސަލަ އަކީ ކޮބައިތޯ ބަލަން އިސްވެ ގުޅަން ޒައިނާ ހިތުލިއެވެ. މާދަން ޒައިނާ އާލިމްއަށް ގުޅާނެއެވެ. ފޯނު ނުނަގައިފި ނަމަ އެ ގެއަށް ވެސް ދާނެއެވެ. އަބަދަކު ހެދިހާ ގޮތަކަށް ހެދިގެންނެއް ނޫޅެވޭނެއެވެ. މަންމަވެސް ވަރިވާން ފޯމު ލާށޭ އެތައް ފަހަރަކު ބުނެފިއެވެ. ނަމަވެސް ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެ ލޯބި ނުލިބުނު ކަމުގައި ވިޔަސް ޒައިނާ އާއި އަލިމް އެ ވަނީ ކައިވެނީގެ މަތިވެރި ގުޅުމުން ގޮށް ޖެހިފައެވެ. އެ ވަރުންވެސް ހިތް ފުރެއެވެ. އެލޯބީގެ ފޮނިމީރުކަން އިހުސާސް ނުކުރެވުނަސް، އެއީ ވެސް ޒައިނާގެ މީހެއްކަން އިހުސާސްވާ ހިނދު ހިތައް ފިނިކަމެއް ލިބެއެވެ. ނަމަވެސް މި ހިތްދަތިކަމުން މިންޖުވެވޭނީ ކޮން ދުވަހަކުން ހެއްޔެވެ.
***
މުޅި ކޮޓަރިތެރެ ވަނީ އިރުގެ ރަން ދޯދިތަކުން ވިދާލައިފައެވެ. ޒިއަން އަށް ލޯ ހުޅުވައިލެވުނީ ރާނީގެ އަތުން ޒިއަންގެ މުނުގައި ޖެހުމުންނެވެ. އޭރު ރާނީ އޮތީ ޒިއަން އާއި ދިމާއަށް އެނބުރި ގަދަޔަށް ނިދާފައެވެ. ޒިއަން އެމޫނަށް ބަލައިލިއެވެ. އަދި ރޭގައި ރާނީ އާއި އެކީ ހޭދަވި އެ އަރާމު ވަގުތުތައް ހަނދާން ވުމުން ހިނިތުންވެވުނެވެ. ރާނީގެ ނާޒުކުކަމާއި، އެ ލޯބިވެތި އަޑުން ޒިއަންގެ ނަން ކީ ވަރެއްވެސް ޒިއަން އަކަށް ނޭންގެއެވެ. އެ ހުރިހާ ކަމެއް ހަނދާންވުމުން ޒިއަންގެ ހިތް ލޯބިން ފުރުނެވެ. ޒިއަން ކުޑަކޮށް ތެދުވުމަށްފަހު ރާނީގެ ކޮލުގައި ތުންފަތް ޖައްސައިލިއެވެ. އަދި ރާނީ އަށް ހޭލެވިދާނެތީ ވަރަށް މަޑުމަޑުން ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ.
ރާނީ އަށް ހޭލެވުނީ ޒިއަން ފާހާނާގެ ދޮރު ލެއްޕި އަޑަށެވެ. ރާނީ އަށް ފުރަތަމަވެސް ހޯދައިލެވުނީ ޒިއަންއެވެ. ޒިއަން ދިޔައީ ހެއްޔެވެ. ނަމަވެސް ހިތައް ފިނިކަމެއް ލިބުނީ ފާހާނާ ތެރޭގައި މީހަކު އުޅޭ އަޑު އިވުމުންނެވެ. ޒިއަން އަންނަން ވާއިރަށް ތަޅަން މަތިން ހެދުން ނަގައިގެން ރާނީ ހެދުން ލިއެވެ. ދެން ޒިއަންގެ ކުރިމައްޗަށް އަރާކަށްވެސް ރާނީ އަކަށް ނުކެރޭނެއެވެ. ރޭގައި ހިނގާ ދިޔަ ހުރިހާ ކަމެއް ރާނީގެ ހަނދާނަށް އައެވެ. ރާނީ ލަދުން މޫނުގައި ދެއަތް އެޅިއެވެ. ޒިއަން ނިކުންނަން ވާއިރަށް އަވަހަށް ނިދާކަމަށް ހެދިގެން އޮންނަން ވީއެވެ.
ރާނީ އޮށޯންނަން އުޅުން ވަގުތު ޒިއަންގެ ފޯނު ރިންގްވާން ފެށިއެވެ. ރާނީ ބަލައިލިއިރު ގުޅަނީ "ހޯމް" ޖަހައިފައިވާ ނަމްބަރަކުންނެވެ. ޒިއަންގެ މަންމަ ކަންނޭންގެއެވެ. ޒިއަންގެ މަންމަ ނަމަ އެ އަޑު އަހާލާހިތުން ރާނީ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.
"ޒިއަން މާ ހެނދުނާ ކޮންތާކަށް ތި ދިޔައީ؟" ރާނީ އެއްޗެއް ބުނަންވާއިރަށް އެކޮޅުން ވާހަކަ ދެއްކިއެވެ. އެއީ ހަމަގައިމުވެސް ޒިއަންގެ މަންމަގެ އަޑެއް ނޫނެވެ. އަދި ޒައިނާގެ އަޑެއްވެސް ނޫނެވެ. އެއީ ޅަ އަންހެން ކުއްޖެއް އަޑެވެ. އަނެއްކާ މަންހާ ހެއްޔެވެ.
"ޒިއަން... އަދި އަނގަޔަކުން ނުބުނާނެ.. އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހެއޭ މިއަދު ރިޒަލްޓް ދައްކަން އާދެބަލަ ގެއަށް" އެއީ މަންހާ ކަން ރާނީ އަށް ޔަގީން ވެއްޖެއެވެ. މަންހާ ގޮވައިގެން ޒިއަން ހޮސްޕޮޓަލަށް ދާން ޖެހެނީ ކީއްވެގެން ހެއްޔެވެ.
"ކާކު؟" ފަހަތުން ޒިއަން އައިސް ރާނީގެ އަތުން ފޯނު ހޯދިއެވެ.
"ކުޑޫ ގޮވައިގެން ދޭ... ނޫނީ މަންމަ އަހަރެން ބިޒީ" ފޯނު ކަންފަތުގައި ޖެހުމަށްފަހު ޒިއަން މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.
"ރާނީ ކޮންވާހަކައެއް ތި ދެއްކީ؟" ފޯނު އެނދުމައްޗަށް ދޫކޮށްލަމުން ޒިއަން އަހައިލިއެވެ. ރާނީ ޒިއަން އަށް ބަލައިލިއެވެ. އުނުގަނޑުގައި ތުވާލި އަނދެގެން ހުރިއިރު، އެ ފިރިހެންވަންތަ ހަށިގަނޑުގައި މަތިން ތިރިއަށް ފައިބަމުން ދިޔަ ފެން ތިކިތަކަށް ބަލަހައްޓައިގެން ރާނީ އަށް ހުރެވުނީއެވެ.
"އޭތް؟ ކޯންޗެއް ތި ބަލަނީ؟" ރާނީގެ ދަތްދޮޅީގައި ހިފައިލަމުން ޒިއަން އަހައިލިއެވެ.
"ރީތިކަމުން" ރާނީއަށް މިހެން ބުނެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. ބުނެވުނީ ކީކޭކަން ރާނީއަށް އިހުސާސްވީ ޒިއަން ހޭ އަޑު އިވުމުންނެވެ. ރާނީ ލަދުން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"ކޮން ވާހަކައެއްތަ ފޯނުން އޭރު ދެއްކީ؟" ޒިއަންގެ ހިތުގައި ކޮށްޓަމުން ދިޔަ ސުވާލު އަނެއްކާވެސް އަހައިލިއެވެ. ޒިއަން މާ ވަރަކުން ދެމީހުން ދެއްކި ވާހަކައެއް ހޯދަން މިއުޅެނީ ކީއްވެގެންހޭ ރާނީގެ ހިތައް އެރިއެވެ.
"ޒިއަން ނުބުނަމެއްނު ޒިއަން ދެ އަންބަށް މީހަކާ އިނދެގެން އުޅޭ ވާހަކައެއް" މޫނު މައްޗަށް ގޮތެއް ހަދައިލަމުން ރާނީ ބުނެލިއެވެ. ޒިއަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަނެއްކާ މަންހާ ރާނީ ކައިރީގައި އެއްޗެއް ކީހެއްޔެވެ. ޒިއަންގެ މޫނަށް ވެގެން ދިޔަ ގޮތް ރާނީ އަށް ހަމަ ރީއްޗަށް ފެނުނެވެ.
"ކާކު ބުނީ؟ މަންހާ؟" ލާން ގެންގުޅުން ޓީޝާޓު އަތުތެރެއަށް ބޮނޑި ކޮށްލަމުން ޒިއަން ބުނެލިއެވެ. މަންހާ އަނެއްކާ ރާނީ ކައިރީގައި ވާހަކައެއް ދެއްކީ ހެއްޔެވެ. ޒިއަން އަށް ވީ ގޮތް ފެނުމުން ރާނީ ކައިރިޔަށް ހިނި އައެވެ.
"ދެން އެކަހަލަ ސަމާސާ ނުކުރައްޗޭ... އަސްލަށް ބުނެބަލަ ކީކޭތަ އޭނަ ކީ؟" ޒިއަން ބޮލަށް ޓީޝާޓު ވައްޓައިލަމުން އަހައިލިއެވެ.
"ޒިއަން އަށް ކީއްވެގެންތަ އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހެނީ؟ ޒިއަން ނޫނީ އޭނައަށް ކަމެއް ކޮށްދޭނެ މީހަކު ނެތީތަ؟" މިފަހަރު ރާނީ ކުރީ އެ ހިތުގައި ހަގީގަތުގައިވެސް އުފެދިފައިވާ ސުވާލެކެވެ.
"ނޫން ދެން ގޭގަ ހުންނަ ފިރިހެން ކުއްޖާވީމަ ފަސޭހައަކަށް މަންމަ ފޮނުވަނީ" ރާނީގެ ކައިރިޔަށް ޖެހިލަމުން ޒިއަން ބުނެލިއެވެ. އެވަގުތު ޒިއަންގެ ގައިން ދުވި މީރުވަހުން ރާނީގެ ހިތް އެކީ ފުރިގެން ބަންޑުންވި ކަހަލައެވެ.
"ދޭ ފެންވަރައިގެން އަންނަން.. މިއަދު ރާނީ އެކަނި ކޮށްލާފައެއް ނުދާނަން" ރާނީގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޒިއަން ބުނެލިއެވެ. އަދި ރާނީގެ ނިތްކުރިއަށް ބޮސް ދިނެވެ. ޒިއަން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ރާނީ ފާހާނާއަށް ވަދެ ދޮރުޖެހިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް