އިއްޔެ ހެނދުނުއްސުރެ ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބިދޭސީންގެ މައުލޫމާތު ލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މަރުވި ބިދޭސީންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ ތިން މީހަކު، ޕޯޗުގަލް އަށް ނިސްބަތްވާ އެކަކު، ތުރުކީއަށް ނިސްބަތްވާ ދެ މީހަކު، އިނގިރޭސިވިލާތަށް ނިސްބަތްވާ ތިން މީހަކު އަދި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޕާސްޕޯޓް އޮންނަ ދެ މީހަކު މަރުވެފައިވެއެވެ.
މީގެ އިތުރުން ނުވަ ބިދޭސީއަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބިދޭސީންކަމަށް ބެލެވޭ 25 މީހެއްގެ ހަށިގަނޑު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
އިއްޔެ ހެނދުނާއި މެންދުރު ދިން ބޮމުގެ އަށް ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތިން ޗާޗަކަށާއި ތިން ހޮޓަލެއްގެ އިތުރުން އިތުރު ދެ ތަނަކަށެވެ.
މި ހަމަލާތަކާއި ގުޅިގެން ލަންކާ ސަރުކާރުން ވަނީ އެ ގައުމުގައި ކާފިއު އިއުލާނުކޮށް އިއްޔެއިން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގަން ފަށާފައެވެ. ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމުތައްވެސް ވަނީ ބްލޮކް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް