ޓޮޓެންހަމް އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ 2 ލަނޑު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ މެޗުގެ ކުރީކޮޅު ވަން ލަނޑާއެކު ޔުނައިޓެޑް ބަލިވެފައިވަނިކޮށް، ރޭގެ މެޗުގެ ވެސް ކުރީކޮޅު ޓޮޓެންހަމް އިން ލަނޑެއް ޖެހުމާއެކު އެކަން ތަކުރާރު ވެދާނެކަމަށް ބެލެވުނެވެ. އެހެނަސް މެޗު ނިމުނީ ނަތީޖާ އެނބުރިގެންނެވެ.
ރޭގެ މެޗުގެ ކުރީކޮޅު، އެރިކްސަން ނަގައިދިން ހުރަހަކުން ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ޑެލޭ އަލީ އެވެ. އެހެން ނަމަވެސް ޓޮޓެންހަމްއަށް ލީޑުގައި ހިފަހައްޓާލެވުނީ އެންމެ 13 މިނިޓުއެވެ. ޓޮޓެންހަމްއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، 24 ވަނަ މިނިޓުގައި ޕޮގްބާ ނަގައިދިން ހިތްގައިމު ހުރަހަކުން އެލެކްސިސް ސަންޗޭޒް ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަވިއެވެ.
ޔުނައިޓެޑްގެ ލަނޑަށްފަހުގައި ދެ ޓީމަށް ވެސް ލީޑު ނަގަން، ފުރަތަމަ ހާފުގައި ވެސް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް ލަނޑެއް ނުޖެހުނުއިރު، ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ ކުޅުން ރަނގަޅު ކޮށެވެ.
ނަތީޖާއަކަށްވީ 62 ވަނަ މިނިޓުގައި ހެރޭރާ ޖެހި ލަނޑާއެކު އެ ޓީމަށް ލީޑު ލިބުމެވެ. މިއީ ރޮމެލޫ ލޫކާކޫ ދިން ޕާހަކުން ހެރޭރާ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑަށް ފަހުގައި ވެސް ޔުނައިޓެޑްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނުނުއިރު، ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަކޮށްލަން ކުރި މަސައްކަތް ވީ ބޭކާރެވެ.
ޓޮޓެންހަމްގެ މައްޗަށް ފަހަތުން އަރާ ކުރިހޯދާ ޔުނައިޓެޑް އެފްއޭ ކަޕް ފައިނަލްގެ ޖާގައެއް ކަށަވަރު ކުރިއިރު، މިއީ އެފްއޭ ކަޕްގެ ފައިނަލަށް ޔުނައިޓެޑް ދަތުރު ކުރި 20 ވަނަ ފަހަރެވެ.
ފައިނަލްގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މިރޭ ޗެލްސީ އާއި ސައުތުހެމްޓަން ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 19:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް