ދެ ކުދިން ރާޅާ ދަމައިގަތީ ރަނގަޅަށް މޫދަށް ނޭރެވިގެން އުޅެނިކޮށް!

އައްޑޫ ސިޓީ ކޯއްޓޭ ސަރަހައްދު ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށް މޫދަށް އެރިގެން އުޅެނިކޮށް ދެ ކުއްޖަކު ގެއްލުނު ވާހަކަ އަކީ އިއްޔެ މުޅި ހަތަދޫ ސިއްސުވާލި ހަބަރެކެވެ. ސިފައިންނާއި ފުލުހުންނާ...

22 Apr 2018 | 03:00

އައްޑޫ ސިޓީ ކޯއްޓޭ ސަރަހައްދު ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށް މޫދަށް އެރިގެން އުޅެނިކޮށް ދެ ކުއްޖަކު ގެއްލުނު ވާހަކަ އަކީ އިއްޔެ މުޅި ހަތަދޫ ސިއްސުވާލި ހަބަރެކެވެ.

ސިފައިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އިއްޔެއިން ފެށިގެން ދަނީ ހުއްޓުމެއް ނެތި އެ ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. ދެ ކުދިންނަކީވެސް އުމުރުން 14 އަހަރުގެ ދެ ކުދިންނެވެ.

މި ހަބަރާއި އެކު ދެ އާއިލާ ތިބީ ހުއްޓުމަކަށް އައިސްފަ އެވެ. އެ ސަރަހައްދަކީ އަބަދުވެސް ވަރަށް އޮއިވަރު ގަދަ ސަރަހައްދެކެވެ. އެކަމަކު އިއްޔެ އާދަޔާ ހިލާފަށް އޮއިވަރު ގަދަ ކަމަށްވެ އެވެ.

އެ ކުދިން މޫދަށް އެރުނީ ހެނދުނު އޮތް ފުޓުބޯޅާ ޕްރެކްޓިސް މެޗަކަށް ފަހު ހަވީރަށް ތައްޔާރުވެލުމުގެ ގޮތުން ކަމަށް ބުނެ ކަމަށް ވެއެވެ. މޫދަށް އެކުގައި އެރުނީ ތިން ކުދިންނެވެ.

އެ ތިން ކުދިން އެ ސަރަހައްދަށް މޫދަށް އެރުނު އިރު އެ ސަރަހައްދުގައި ދެ މީހަކު ތިބި ކަމަށްވެ އެވެ. އޭގެ ތެރެއިން އެކަކީ ނުކުޅެދުންތެރިކަން ހުންނަ ވާހަކަ ނުދެއްކޭ މީހެކެވެ. ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ އެ ތިން ކުދިން މޫދަށް އެރެންވެގެން އެ ސަރަހައްދަށް ފައިބައި މޫދަށް ރަނގަޅަށް ނޭރެވިގެން އުޅެނިކޮށް ބިޔަ ރާޅެއް ނެގި ކަމަށެވެ.

އެ ތިން ކުދިން އެ ރާޅާއި އެކު ވަގުތުން ދަމައިގަތް ކަމަށާއި ސަލާމަތްވާން ކުދިންނަށް އަމިއްލައަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އެކަން ހިނގައި ދިއުމަށް ނެގީ މަދު ސިކުންތު ކޮޅެކެވެ. އެ ކުދިން ރާޅާ ދަމައިގަތުމާއި އެކު ސަލާމަތް ކުރުމަށް ފަހަތުން އެ ސަރަހައްދުގައި ތިބި ދެމީހުން މޫދަށް އެރުނު ކަމަށް އެމީހުންނާއި ހަވާލާދީ ދުވަހަށް މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

އެކަމަކު އެގޮތުން ސަލާމަތް ނުވާނެ ކަން އެނގުމުން ވަގުތުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރީ އެ ދެމީހުން ކަމަށް ވެ އެވެ. މި ހާދިސާގައި ގެއްލުނު ދެ ކުދިންނަކީ ވަރަށް ރަނގަޅަށް ފަތަން ދަންނަ ދެކުދިން ނެވެ. ސަލާމަތް ވި ކުއްޖާ މޫދުން ނެގީ ހާއްސަ އެހީއަށް ބޭނުންވާ މީހާ ކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެކަމަކު އެމްއެންޑީއެފުން ބުނެފައިވަނީ އެ ކުއްޖާ ސަލާމަތް ކުރީ ސަދަން އޭރިއާގެ ފަޔަމަނުން ކަމަށެވެ.

ހާދިސާގައި ސަލާމަތް ކުރެވުނު ހިތަދޫ ބްލޫގޭ އަލީ ރާއިފުއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ފަހުމީ އާއި މަޔާމީން ހޯދުމަށް ހުއްޓުމެއް ނެތި ކޯސްޓު ގާޑާއި ޑައިވަރުންނާއި ހެލިކޮޕްޓަރު ބޭނުން ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ކުދިންގެ ހިލަނމެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް