ސޫރިޔާގެ އިރުމަތީ ޣޫތާގެ އަވަށެއް ކަމުގައިވާ ދޫމާގައި ކެމިކަލް ހަމަލާއެއްދީ 70 އަށްވުރެ ގިނަ އާންމުން މަރާލާފައިވާއިރު ދަ އޮގަނައިޒޭޝަން ފޮރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ދޫމާއަށް ގޮސް ސާމްޕަލް އެއްކޮށްފި އެވެ.
އޭޕްރިލް ހަތެއްގައި ދިން އެ ހަމަލާގައި ކެމިކަލް ބޭނުންކޮށްފައިވޭތޯ ކަށަވަރު ކުރުމާއި ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ކެމިކަލެއްކަން ދެނެގަތުމުގެ ބޭނުމުގައި އޯޕީސީޑަބްލިއު އިން ސާމްޕަލް ނަގާފައިވާއިރު އެ ޖަމިއްޔާއިން ބުނެފައިވަނީ ސާމްޕަލް ނަގައިގެން ދޫމާ ދޫކޮށް މިހާރު ގޮސްފައިވާކަމަށާއި އިތުރަށް ދޫމާއަށް ދާންޖެހިއްޖެ ނަމަ އދ ގެ އެހީތެރިކަމާއެކު އިތުރު ދަތުރެއް ރާވާނެ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުގައި އެ ސާމްޕަލްތައް ތަހުލީލު ކުރުމަށް ފޮނުވަން ހަމަޖެހިފައިވަނީ ނެދަލެންޑަށެވެ. ސާމްޕަލްގެ ނަތީޖާ ލިބުމުން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި ހިއްސާ ކުރާނެ ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.
ކެމިކަލް ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު ސަރުކާރު ކޯލިޝަނުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އިދިކޮޅު ހަނގުރާމަވެރިންނަށެވެ. އިދިކޮޅު ހަނގުރާމަވެރިން ބުނަނީ އެ އަމަލަކީ ސަރުކާރު ކޯލީޝަނުގެ ހަނގުރާމަވެރިން ދިން ހަމަލާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް