ތަފާތު ބޮޑުކޮށް ސެވިއްޔާ ބަލިކޮށް ބާސާ އަނެއްކާ ވެސް ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފި

ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ ބާސެލޯނާއިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފިއެވެ. ސްޕެނިޝް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާއިން މި...

22 Apr 2018 | 02:20

ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ ބާސެލޯނާއިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފިއެވެ.

ސްޕެނިޝް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާއިން މި އަހަރު މުބާރާތް ކާމިޔާބު ކުރުމާއެކު އެ ޓީމު ވެފައިވަނީ ޖެހިޖެހިގެން 4 އަހަރު މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ކްލަބް އަށެވެ. އަދި މި ފަހަރުގެ ތަށްޓާއެކު ބާސާއިން ސްޕެނިޝް ކަޕް ކާމިޔާބު ކުރި އަދަދު ވަނީ 30 އަށް އަރާފައެވެ. ސްޕެނިޝް ކަޕްގެ ކާމިޔާބީގައި ބާސާއާ އެންމެ ގާތުގައި އޮތް އެތުލެޓިކް ކްލަބްއަށް މުބާރާތް ކާމިޔާބު ކުރެވުނީ 23 ފަހަރުއެވެ.

ރޭގެ މެޗު ފެށިގެން އެންމެ 14 މިނިޓުގައި ބާސެލޯނާއަށް ގޯލު ހުޅުވާލަދިނީ ލުއިސް ސުއަރޭޒްއެވެ. މިއީ ފިލިއްޕޭ ކުޓީނިއޯ ނަގައިދިން ހުރަހަކުން ސުއަރޭޒް ކާމިޔާބު ކުރި ލަނޑެކެވެ.

ސުއަރޭޒްގެ ލަނޑަށްފަހު ސެވިއްޔާއިން ދެ ތިން ހަމަލާ އުފެއްދިއިރު، އެ ޓީމުގެ ކޮރެއާއަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އަދި ބާސެލޯނާއަށް ވެސް ލީޑު ފުޅާ ކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ބާސާގެ ދެ ވަނަ ލަނޑުގެ ކުރިން، މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާނެކަމަށް ބެލެވިފައިވާ އިނިއެސްޓާ ފޮނުވާލި ހަމަލައެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ބާސެލޯނާއަށް މެޗުގެ 31 ވަނަ މިނިޓުގައި ލީޑު ފުޅާކޮށްދިނީ ލިއޮނަލް މެސީއެވެ. މިއީ ޖޯޑީ އަލްބާ ދިން ބޯޅައަކުން މެސީ ކާމިޔާބު ކުރި ލަނޑެކެވެ. މިއާއެކު މެސީ ވެފައިވަނީ ސްޕެނިޝް ކަޕްގެ ތަފާތު 5 ފައިނަލެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މެސީ އާއި ސުއަރޭޒްގެ ޖާދޫ ފެނިގެން ދިޔަ މި މެޗުގައި މެސީގެ އެހީތެރިކަމާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުއިސް ސުއަރޭޒް އިތުރު ލަނޑެއް ޖަހައި ގާތްގަނޑަކަށް ބާސާއަށް ޗެމްޕިއަންކަން ކަށަވަރު ކޮށްދިނެވެ.

ބާސެލޯނާގެ 4 ވަނަ ލަނޑު މެޗުގެ 51 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މެސީގެ އެހީތެރިކަމާއެކު އިނިއެސްޓާއެވެ. މި ސީޒަނަށް ފަހު ޗައިނީސް ސުޕަރ ލީގަށް ބަދަލުވާނެކަމަށް ބެލެވިފައިވާ އިނިއެސްޓާ މޮޅު ކުޅުމެއް ދެއްކިއިރު، މިއީ ބާސެލޯނާއާއެކު އޭނާ ކުޅުނު އެންމެ ފަހު ފައިނަލް މެޗަށް ވުން ގާތެވެ.

ބާސާއިން 5 ވަނަ ލަނޑު ޖެހީ ސެވިއްޔާގެ އޭރިއާ ތެރެއިން އެ ޓީމުގެ ލެންގްލެޓްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ފިލިއްޕޭ ކުޓީނިއޯ އެވެ.

ބާސެލޯނާއިން ޖެހިޖެހިގެން 4 ވަނަ އަހަރު ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މި ސީޒަންގެ ސްޕެނިޝް ލީގު ވެސް އޮތީ ބާސެލޯނާއަށް ކަށަވަރު ވުމުގެ މަގުމަތީގައެވެ. މިއީ މި ސީޒަންގައި ބާސެލޯނާގެ ކޯޗުކަމާ އަލަށް ހަވާލުވި ވަލްވަޑޭ ބާސާއާއެކު ކާމިޔާބު ކުރި އަލަތު ތަށްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް