ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރެޑްވޭވުން ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
ރެޑްވޭވުން ބުނީ ޑެލިވަރީ ކޮށްދެނީ 100ރ. އިން މަތީގެ އޯޑަރުތައްކަމަށެވެ. އެގޮތުން ޑެލިވަރީ ކޮށްދެނީ ކާބޯތަކެއްޗާއި ގޭތެރެ އަށް ބޭނުންވާ ސާމާނެވެ.
ހެނދުނު 9:00 އިން ރޭގަނޑު 10:00 އަކަށް ޑެލިވަރީގެ ހިދުމަތް ލިބޭނެކަމަށް އެ ފިހާރައިން ބުނެއެވެ. އޯޑަރު ދޭ ތަކެއްޗަށް ފައިސާ ދެއްކުމަށް ބީއެމްއެލް ކާޑާއި ނަގުދު ފައިސާ ވެސް ބަލައިގަންނާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ޑެލިވަރީގެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ 9801842 އަށެވެ.
ރެޑްވޭވުން އަންނަނީ މާލޭގައިވެސް ޑެލިވަރީ ގެ ހުދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ހިދުމަތް ދިނުމަށްޓަކައި ވަރަށް އަވަހަށް ރެޑްވޭވުގެ ވެބްސައިޓުން ވެސް ލޯންޗު ކުރުމަށް ވަނީ ނިންމައިފަ އެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވާއިރު އޭގެތެރެއިން ތިން މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް