ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްރަށް މީހުން ފޭބުން މަނާކޮށްފައި ވަނިކޮށް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ރޭ އިރުއޮއްސި6:15 ހާއިރު ކަމަށެވެ. އެ މީހާ ހުޅުމާލެއަށް ފޭބުމަށް ފަހު ފުލުހުން ސުވާލު ކުރުމުން ވަނީ ދޮގު މައުލޫމާތުދީފަ އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފު ވުމާއި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލައިގަ އެވެ. މި މައްސަލައިގަ ހައްޔަރު ކުރީ32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގަ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް އެމީހާގެ ބަންދަށް ޖަހައިދީފަ ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއީ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރި ފަސް ވަނަ މީހާއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުން އުޅޭތަންތަނުން މީހުން އެރުމާއި ފޭބުން އަދި ރިސޯޓުތަކަށް މީހުން އެރުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގުމަކުން ވަނީ މަނާ ކުރައްވާފައި އެވެ.
މިދިޔަ ހަފްތާގައި މި އެންގުން އެންގިފަހުން ދެ ރިސޯޓަކުން ތިން ދިވެއްސަކު މީހުން ދިރިއުޅޭ ރަށްރަށަށް އެރުމާއި ގުޅިގެން ހައްޔަރު ކޮށްފައިވެ އެވެ. އަދި އިއްޔެ ވަނީ މީހުން ދިރިއުޅޭ ރަށަކުން ރިސޯޓަކަށް އަރަން އުޅުނު އެ ރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފައި އެވެ.
ފުލުހުން ބުނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުންތަކާއި ހިލާފުވާ ފަރާތްތަކުގެ މައްސަލަ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް