ކޯވިޑް-19: ފިހާރަތަކުގެ ސޭޓުން އަބަދު އަންގި ލައްވައިގެން ތިބުމުގެ ބޭނުމެއް ނެތް: އެޗްޕީއޭ

މާލޭގެ ފިހާރަތަކުގައި ތިބޭ ސޭޓުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ރަބަރު އަންގި ލައްވައިގެން ހިދުމަތް ދޭން ތިބުމުގެ ބޭނުމެއް ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ...

22 Mar 2020 | 07:53

މާލޭގެ ފިހާރަތަކުގައި ތިބޭ ސޭޓުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ރަބަރު އަންގި ލައްވައިގެން ހިދުމަތް ދޭން ތިބުމުގެ ބޭނުމެއް ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން ވަނީ ގިނައިން ފައިސާގައި އަތްލާ ނެހެދުމަށް އިލްތިމާސްކޮށްފައި އެވެ. އޭގެ ބަދަލުގައި އިންޓަނެޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އިސްކަންދިނުމަށް އެދިފައިވެ އެވެ.

މިކަމާ ގުޅިގެން ފިހާރަތަކުގައި ތިބޭ ސޭޓުން ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންގިލައްވައިގެންނެވެ. އެއީ ވިޔަފާރި ކުރާއިރު ފައިސާގައި އަތްލާ ހަދަން ޖެހޭތީ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ފިހާރަތަކުގައި ސޭޓުން އަންގިލައްވައިގެން ތިބޭކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތަށް ދުވާލު ހަތަރު ދަމު އަތަށް އަންގި ލައްވައިގެން ތިބުމަށް ވުރެ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން މާ ރައްކާތެރިވާނެ ކަމަށެވެ.

https://twitter.com/HPA_MV/status/1241620385587548160

އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރަބަރު އަންގި ލެއްވުމަށް ވުރެ ރައްކާތެރިވާނީ ގިނަ ގިނައިން އަތް ދޮވުން ކަމަށެވެ. ރަބަރު އަންގި ލައްވައިގެން ހުރެ ވައިރަހެއް ހުރި ތަނެއްގައި އަތްލުމަށް ފަހު މޫނުގައި އަތް ލެވިއްޖެ ނަމަ މި ވައިރަސް ހަށިގަނޑުގެ އެތެރެއަށް ދާނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަނީ ސައިބޯނި ލައިގެން ނުވަތަ ސެނެޓައިޒާ ބޭނުންކޮށްގެން ގިނަ ގިނައިން އަތް ދޮންނާށެވެ. ސައިބޯނި ލައިގެން އަތް ދޮންނާކަށް އަގު ބޮޑު ނުވަތަ ވަކި ވައްތަރެއްގެ ސައިބޯންޏެއް ބޭނުމެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް