މާލޭގެ ފަސް ސަރަހައްދެއްގައި އައުޓްޑޯ ޖިމްތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީއިން ބުނެފިއެވެ.
އައުޓްޑޯ ޖިމް ހެދުމަށް ހަމަޖެހިފައިވަނީ، އެމްޑަބްލިއުއެސްއީ ކުރިމަތީގައާއި، ވެސްޓް ޕާކް އާއި ބްރިކް ކައިރީގައާއި، އޭގެ އިތުރުން ގަލޮޅު ސިޓީ ޕާކްގައެވެ. އަދި މި ޖިމް ތަކަށް ސަންދުރެސްގެ ނަމުން ވަނީ ނަންދެވިފައެވެ.
މި ފަސް ސަރަހައްދުގައި އައުޓްޑޯ ޖިމް ހެދުމަށް ބިން ލިބިފައިވާކަމަށާއި، އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވެއްޖެއެވެ.
އައްސަދު އަލީ ވިދާޅުވީ މިހާރު އަމީނީމަގު އެމްޑަބްލިއުއެސްއީ ކުރިމަތީގައި ހަދާ ޖިމްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، އަންނަ އާދިއްތަ ދުވަހު މި ޖިމް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ޖިމްތައް ހެދުމަށް ހަމަޖެހިފައިވާކަމަށާއި، ފުރަތަމަ އާބާދީ ބޮޑު ރަށްތަކަށް ބަލާކަމަށް އައްސަދު އަލީ ވިދާޅުވިއެވެ.
އައުޓް ޑޯ ޖިމްތަކެއް ހެދުމުގެ ބޭނުމަކީ ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައުއެއް ބިނާ ކުރުންކަމަށާއި ރައްޔަތުންނަށް ވީހާވެސް ފަސޭހައިން ކަސްރަތު ކުރުމުގެ އިންތިޒާމް ހަމަޖެއްސުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުދުއްފުށީގައިވެސް ވަރަށް އަވަހަށް ޖިމް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، މިޖިމްތަކުގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ފަރާތްތަކަށް އެއްވެސް އަގެއް ނެތި ކަސްރަތު ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގިނަގިނައިން ކަސްތަރު ކުރުމަކީ ދުޅަހެޔޮ އަދި ހަށިހެޔޮކޮށް ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމުކަމެއް ކަމަށް ވެސް އައްސަދު އަލީ ފާހަގަ ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް