އަނިޔާއިން ސަލާމަތްވެ ހުރެވޭނަމަ ކުރިއަށް އޮތް 2 އަހަރު ދުވަހު ވެސް ބާސެލޯނާގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެވޭނެކަމަށް ގަބޫލުކުރާކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރ އަންދުރޭ އިނިއެސްޓާ ބުނެފިއެވެ.
އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައި ޖަރުމަނާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމަށް މި ވަގުތު ސްޕެއިންގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ އިނިއެސްޓާ ވަނީ އޭނާގެ ކުރިމަގާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކާފައެވެ.
ކުރިއަށް އޮތީ އޭނާގެ ކެރިއަރުގައި އެންމެ އުނދަގޫ ނިންމުން ނިންމަން ޖެހޭނެ ދަނޑިވަޅުކަމަށް އިނިއެސްޓާ ވަނީ ގަބޫލުކޮށްފައެވެ.
" އަހަރެންގެ ކްލަބާ (ބާސެލޯނާ) ދެކޮޅަށް ނުކުންނަން ޖެހޭނެ އެއްވެސް ތަނަކަށް (ކްލަބަކަށް) އަހަރެން ނުދާނަން. ބާސެލޯނާއާ ވާދަކުރަން ނުޖެހޭނެ ކޮންމެ ހާލަތެއްމެ އެއީ ވުން އެކަށީގެންވާ ކަމެއް " ކްލަބް ބަދަލު ކުރިޔަސް ބާސެލޯނާއާ ކުޅެން ޖެހިދާނެފަދަ ކްލަބަކަށް ނުދާނެކަމަށް އިނިއެސްޓާ ވަނީ ބުނެފައެވެ. މިއާއެކު ބާސެލޯނާ ދޫކޮށްލާނަމަ، އެމެރިކާއަށް ނުވަތަ ޗައިނާގެ ކްލަބަކަށް އިނިއެސްޓާ ބަދަލުވެދާނެކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ބާރުލިބިގެން ގޮސްފައެވެ.
އުމުރުގެ ސަބަބުން މިހާރު ކޮންމެ ހާލަތެއް ވެސް މެދުވެރިވެދާނެކަން ޤަބޫލު ކުރާކަމަށާއި ބޮޑު އަނިޔާއަކާ ކުރިމަތި ނުވާނަމަ ރަނގަޅު ފެންވަރުގައި ކުޅުން ހިފެހެއްޓޭނެކަމަށް ޤަބޫލުކުރާކަމަށް އިނިއެސްޓާ ވަނީ ހާމަކޮށްފައެވެ.
"އަހަރެން ކްލަބް ދޫކޮށްލާނަމަ ދޫކޮށްލާނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކްލަބްގެ މީހެއްގެ ގޮތުގައި މި ކްލަބަށް 100 ޕަސެންޓް ނުދެވޭތީ" އެންމެ ފަހު ވަގުތާހަމައަށް ބާސެލޯނާގައި ހުންނަން ބޭނުންވާކަން ހާމަކުރަމުން ސްޕެއިންގެ ތަރި އިނިއެސްޓާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް