މާދަމާގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުނަތަށް ކަމުގައި ކަނޑައަލާ އެކަމަށް ތައްޔާރު ކުރެވިފައިވާ ޚުތުބާ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.
ދޮގު ޚަބަރު ފެތުރުމުގެ ނުބައި ކަމާއި އަދި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ތައްޔާރު ކޮށްފައިވާ މި ޚުތުބާ އާންމުކޮށްފައިވަނީ އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައެވެ.
މާދަމާ އަށް ތައްޔާރުކޮށްފައިވާ ޚުތުބާގައި ދޮގު ޚަބަރު ފެތުރުމަކީ ދީނުގައި ވަރަށް ނުބައި ކަމެއް ކަމަށް ބުނެ އެކަން ހުއްޓާލަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚުތުބާގައި ބުނެފައި ވަނީ މުޖުތަމައު ފަސާދަކުރުމަށާއި ރަނގަޅު މަގަށް ހުރަސްއެޅުމަށް ބޭނުންކުރާ އެންމެ ނުބައި ވަސީލަތަކީ ދޮގު ވާހަކަތަކާއި ދޮގު ޚަބަރުތައް ކަމަށެވެ. ދޮގު ވާހަކަތައް ތެދުކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ވެސް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ޚުތުބާގައިވެ އެވެ.
ކިތަންމެ ދުރުގައި ހިނގާ ކަމެއް ވިއަސް، ސޯޝަލް މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަބަބުން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އާއްމުންނާ ހަމައަށް އަންނަ ކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
"މުސްލިމުންގެ ސިއްރުތަކާއި އެ މީހުންގެ ގައުމުގެ އަމްނަށާއި ހަމަޖެހުމަށް ލޮޅުމަށް ގެނެސްފާނެ ކަންތައް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ގައުމު ހަލާކުވެ ދުޝްމަނުންނަށް ގައުމުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެން ހިނގައިދާނެތީ އެވެ،" ޚުތުބާގައިވެ އެވެ.
ޚުތުބާގައި ބުނެފައިވަނީ، މުސްލިމުންގެ އަބުރު ރައްކާތެރިކޮށްދެއްވައި އެ މީހުންގެ އަބުރާ ބެހުން މަނާކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.
"އިސްލާމްދީން ގޮވައިލަނީ ޚަބަރެއް އިވިއްޖެ ނަމަ އެކަމުގެ ހަޤީޤަތް ރަނގަޅަށް ބެލުމަށެވެ. ފޭސްބުކުންނާއި ސޯޝަލްމީޑިއާ އާއި ރޭޑިއޯ، ޓީވީ ފަދަ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ޚަބަރުތައް ލިޔެ ފަތުރަ އެވެ. މިފަދަ ޚަބަރެއް މީހެއްގެ ފުށުން ވިއަސް އަދި އެފަދަ ވަސީލަތަކުން ވިއަސް ލިބިެއްޖެ ނަމަ އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ބަލަން ޖެހޭނެ އެވެ،" ޚުތުބާގައިވެ އެވެ.
އަދި ދިގު ޚަބަރު ފެތުރުމުން ދުރުހެލިވުމަމީ ކޮމްމެ މުސްލިމް އަޚަކާއި އުޚުތެއްގެ މައްޗަށް ވާޖިބުކަމެއް ކަމަށާއި އެއީ އިސްލާމްދީން ދުރުހެލިވުމަށް އަންގަވާފައިވާ ނުބައި އަޚުލާޤީ އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށްވެސް ޚުތުބާގައި ވެއެވެ.
އެހެން ކަމުން މިފަދަ ދޮގު ވާހަކަތައް ފެތުރުމުން ދުރުހެލިވާން ޚުތުބާގައި އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް